ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްސަލް އިންޑޯ ދަނޑެއް އަޅާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޚްލޫފް ވިދާޅުވީ ރާއްޖޭގައި ފުޓްސަލް ގައުމީ ޓީމު ކުޅޭނެ ދަނޑެއް ނުލިބިގެން އުޅުނު ކަމަށް ބުނާ ސޯޝަލް މީޑިއާ ޕޯސްޓުތަކެއް ފެނިވަޑައިގަތް ކަމަށާއި، އެކަމަކު އަސްލު އެ ޓީމަށް ނުލިބިގެން އުޅުނީ އިންޑޯ ދަނޑެއް ކަމަށެވެ. އަދި އެއީ އެފަދަ ދަނޑެއް ރާއްޖޭގައި ނެތީމަކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި ދަނޑުއަޅަން ތަނެއް ހަމަޖެހުނުހާ އަވަހަށް އިންޑޯ ފުޓްސަލް ދަނޑެއް އެޅިގެންދާނެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ ރާއްޖޭގައި މިހާރު ހުރީ އައުޓް ޑޯ ދަނޑުތަކެއް ކަމަށާއި، އެއީ ހަގީގަތުގައި ފުޓްސަލް ދަނޑުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މި ވަގުތު ފުޓްސަލް ކުޅެން ހަދާފައިވާ ދަނޑުތަކަކީ ޓާފް ކަމަށްވާއިރު، އެ ތަނުގައި ޕްރެކްޓިސް ކޮށްފައި ގޮސް، އިންޑޯ އެއްގައި މުބާރާތް ކުޅެން ޖެހުމުން ވާނެ އުނދަގޫ ގައުމީ ޓީމުން ވަނީ މި ފަހަރުގެ ތައިލެންޑް އިންވިޓޭޝަނަލް މުބާރާތާއި 2017 ވަނަ އަހަރު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ތަހައްމަލުކޮށްފައެވެ.
ފުޓްސަލް އިންޑޯއެއް ރާއްޖޭގައި ނެތްއިރު، އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވާން ބޭނުން ކުރެވޭނެ ތަނަކަށް ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި އޮތީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ.