ކުޅިވަރު

ސްވިޑެން ބަލިކޮށް ޕޮލެންޑް ވޯލްޑް ކަޕަށް


މިއަހަރު ފަހު ކޮޅު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޕޮލަންޑް ޖާގަހޯދައިފިއެވެ.

ވޯލްޑް ކަޕުން ޕޮލަންޑް ޖާގަހޯދީ ޔޫރަޕް ސަރަހައްދުގެ ކޮލިފައިން ޕްލޭ އޮފް ފައިނަލްގައި ރޭ ސްވިޑްން އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ޕޯލަންޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ ސްވިޑްންއިންނެވެ. ނަމަވެސް އެޓީމުން މެޗް ޑޮމިޏޭޓް ކުރުމާއެކުވެސް ޕޯލަންޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗުގައި ޕޯލަންޑްގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކެޕްޓަން ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ޕޯލަންޑްގެ ދެވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ސްވިޑްންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބުކޮށްދިނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ. މިމެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ސްވިޑްންއިން ވަނީ ޒްލަޓަން އިބްރަހިމޮވިޗް ކުޅެން އަރުވާފައެވެ. ނަމަވެސް އޭނާއަށްވެސް މާބޮޑު ވަރެއް ކުރެވޭގޮތެއް ނުވިއެވެ. އަދި މިއާއެކު ދެން ވޯލްޑް ކަޕުން ޒްލަޓަން ނުފެންނާނެކަން މިހާރު މިވަނީ ޔަގީންވެފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ޕޮލަންޑްގެ ކެޕްޓަން ލެވަންޑޯސްކީ ހާމަކުރިގޮތުގައި މިމެޗަށް ޕޮލަންޑް ނިކުތީ ވަރަށް ގިނަ ކުޅުންތެރިން އަނިޔާގައި ތިބެގެން ކަމަށެވެ. މިގޮތުން ލެވަންޑޯސްކީވެސް ހުރީ އަނިޔާގައިކަމަށް އޭނާ ހާމަކުރިއެވެ. ނަމަވެސް ހުރިހާ ކުޅުންތެރިންވެސް ބޭނުންވީ މިމެޗުން މޮޅުވެ ކުރިއަށް އޮތް ވޯލްޑް ކަޕުން ޖާގަހޯދަންކަމުން އާދަޔާ ހިލާފު ހިތްވަރެއް ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީކަމަށް އޭނާ ހާމަކުރިއެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަހޯދި ސްވިށްންއަށް މިއީ ވަރަށް ހިތްދަތި ނިމުމެކެވެ. އަދި ވަކިން ހާއްސަކޮށް މިމެޗުގައި މޮޅަށް ކުޅެ އަދި ލަނޑު ޖަހާނެ ފުރުސަތުވެސް ލިބި މިގޮތަށް ބަލިވުމުން އޭގެ ހިތްދަތިކަން އިތުރުވެފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ގުރުއަތުލުން މިއަންނަ ހުކުރު ދުވަހު ވަނީ ބޭއްވުމަށް ހަމަޖެހިފައެވެ. އަދި ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.