ކުޅިވަރު

ނޯތު މެސެޑޯނިއާ ބަލިކޮށް ޕޯޗުގަލް ވޯލްޑް ކަޕަށް


މިއަހަރު ފަހު ކޮޅު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޕޯޗުގަލް ޖާގަހޯދައިފިއެވެ.

ވޯލްޑް ކަޕުން ޕޯޗުގަލް ޖާގަހޯދީ ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ޕްލޭ އޮފް ފައިނަލްގައި ރޭ ނޯތު މެސެޑޯނިއާ އާއި ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއިންނެވެ. މިމެޗުގައި ޕޯޗުގަލްގެ ތަރިއަކަށް ވެގެންދިޔައީ ބްރޫނޯ ފެނާންޑޭޒްއެވެ. މިމެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފެނާންޑެޒްއެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ޖަހާދިނީ މެޗުގެ 65 ވަނަ މިނެޓްގައެވެ. އިޓަލީވިލާތް ބަލިކުރުމަށްފަހު ޕްލޭ އޮފް ފައިނަލުން ޖާގަހޯދީ ނޯތު މެސެޑޯނިއާއަށް މި މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މިގޮތުން ޕޯޗުގަލްގެ ކީޕަރަށް މާބޮޑު ނުރައްކަލަކާ ކުރިމަތިލާކަށް ނުޖެހުނެވެ.

މިއީ ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލް ޖެހިޖެހިގެން ކޮލިފައިވި ހަވަނަ ފަހަރެވެ. އަދި މިއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިވަނީ ފަސްވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފައެވެ. އަދި ނޯތު މެސެޑޯނިއާއަށް މިވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރުމަށް އިތުރަށް އިންތިޒާރު ކުރަން ޖެހިފައެވެ. ޕޯޗުގަލް އާއި ޕޮލަންޑް ވޯލްޑް ކަޕުން ޖާގަހޯދުމާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޔޫރަޕްގެ ޓީމްތަކުގެ ތެރެއިން މިހާރު ހުސްކޮށް އޮތީ އެންމެ ޖާގައެކެވެ. މިޖާގަ ކަށަވަރު ވެގެންދާނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ. ޕްލޭ އޮފްގެ ފައިނަލްގެ ތިންވަނަ މެޗުގައި އެއްކޮޅުން ވޭލްސް ވާދަ ކުރުމަށް ހަމަޖެހިފައިވާއިރު އަނެއް ކޮޅު ވާދާކުރާނީ ސްކޮޓްލަންޑާއި ޔޫކްރެއިން ބައްދަލުކުރާ ސެމީފައިނަލް މެޗުން މޮޅުވާ ޓީމެކެވެ. އެ މެޗުތައް ފަސް ކޮށްފައިވަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރާ ހިންގަމުންދާ އުދުވާން ތަކާއި ގުޅިގެން ޔޫކްރެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަސް ކޮށްދިނުމަށް އެޤައުމުން އެދުމުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕް މިވަނީ އާންމުކޮށް އޮންނަ ޖޫން ޖުލައިގެ ބަދަލުގައި ނޮވެމްބަރު އަދި ޑިސެމްބަރު މަހަށް ބަދަލުކޮށްފައެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ޤަތަރުގައި ހޫނު މަޑު ދުވަސް ވަރެއްގައި މުބާރާތް ބޭއްވުމަށް ފުރުސަތު ދިނުމެވެ.