ޚަބަރު

ސަރުކާރުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ފަށައިފި


ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.

ސަރުކާރުގެ 100 އިންސައްތަ ޙިއްސާ އޮންނަ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓު ( އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކެންޓް މޯލްޑިވްސް (އޯސީއެމް)އިން ސަބްމެރިން ކޭބަލް ސިސްޓަމެއް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 21ވަނަ ދުވަހުއެވެ.

މިމަޝްރޫޢު ވެގެންދާނީ، ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫޢަކަށެވެ. މި ކޭބަލް ހުޅުމާލެ ފޭސް 2ގައި ޖައްސާނީ 2023ވަނަ އަހަރު ނިމުމުގެ ކުރިން އަދި އޭރަށް އެ ކޭބަލްގެ ޚިދުމަތް ލިބޭނެ ކަމަށް އޯޝަން ކަނެޓް މޯލްޑިވްސްއިން ލަފާ ކުރެއެވެ.

ސަބްމެރިން ކޭބަލް އެޅުމުގެ ފުރަތަމަ މަރުހަލާއަކީ ސާވޭއެއް ކުރުމެވެ. އާންމު ގޮތެއްގައި މިކަމަށް ގާތްގަނޑަކަށް 4 މަހާއި 6 މަހާއި ދޭތެރޭގެ މުއްދަތެއް ހޭދަވެއެވެ.

އެެހެންނަމަވެސް އޯޝަން ކަނެކްޓް މޯލްޑިވްސްގެ އަމާޒަކީ ރެކޯޑް ވަގުތުގައި ކޭބަލް އެޅުމެވެ. އެގޮތުން މިހާރު ކުރިއަށްދާ ސާރވޭގެ މަސައްކަތް 1 މަސްދުވަހުގެ ތެރޭގައި ނިންމާލުމަކީ އެ ކުންފުންޏާއި ސަރުކާރުން މި މަޝްރޫޢަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއްކަމަށް އެކުންފުނިން ހާމަކުރެއެވެ. " އޯޝަން ސާވޭޔަރ" ބޯޓުން މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތް އަންނަ މަހުގެ 11ވަނަ ދުވަހު ނިމޭނެ ކަމަށް އޯޝަން ކަނެކްޓް މޯލްޑިވްސްއިން ލަފާކުރެއެވެ.

މި ސާވޭއަކީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މިއީ ކޭބަލް އަޅާނެ މަގު ޗެކްކޮށް، އެ މަގުން ކޭބަލް އެޅޭނެ ގޮތް ބަލާނެއެވެ.
ޓެކްނިކަލް ގޮތުން ބަލާއިރު މި ސާވޭގައި އިންސްޓޯލްމަންޓް ޕްލޭނާއި ޕްރޮސީޖާތައް ފައިނަލް ކުރުމަށް ބޭނުންވާ އިންޓަގްރޭޓެޑް ޖިއޯފިޒިކަލް އަދި ޖިއޯޓެކްނިކަލް ޑޭޓާ ފޯރުކޮށްދެއެވެ. އަދި ކޭބަލްގެ އެންމެ އެކަށޭނަ މަގު ދެނެގަތުމަށް ސީބެޑްގެ ގުދުރަތީ ގޮތުން ޑެޕްތު ޕްރޮފައިލްތަކާއި ފޮޓޯގްރަފީ މެޕްތައް ހިމެނޭ ޑޭޓާތައް އެއްކުރާނެއެވެ.

ރިލަޔަންސް ޖިއޯ އޯޝަން ކަނެކްޓް މޯލްޑިވްސްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ ކަނެކްޓިވިޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ފުރުޞަތުތައް ހުޅުވާލުމުގެ ފުރަތަމަ މަސައްކަތް ކަމަށެވެ.

ރާއްޖެއަކީ އޭޝިއާގެ މުހިންމު މުވާސަލާތީ ހަބެއްގެ ގޮތުގައި ޤާއިމް ކުރުމަކީވެސް އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އިޤްތިސާދީ ތަރައްޤީގެ އިތުރުން މިކަމުގެ ސަބަބުން، މުޅި ރާއްޖޭގައި ހަލުވި ސްޕީޑުގެ އިންޓަރނެޓްގެ ޚިދުމަތް މެދުވެރިކޮށް، އިޖްތިމާޢީ ތަރައްޤީ ހަލުވިވެގެންދާނެކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.