ކުޅިވަރު

ތިމަރަފުއްޓާއި ގާފަރުގެ ކުރިމަތިލުން މިރޭ!


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ފައިނަލް މެޗު މިރޭ ކުޅޭއިރު މިރޭގެ ފައިނަލުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ގާފަރެވެ.

91 ޓީމާއެކު ފެށި މި މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ދަތުރުކުރީ އިތުބާރާއެކުގައެވެ. ކުއާޓާގައި ތިމަރަފުށިން ބައްދަލުކުރަން ޖެހުނީ ދުވާފަރާއެވެ. އެ މެޗު 8-2 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު ސެމީ ފައިނަލުގައި ކުޑަހުވަދޫގެ މައްޗަށްވެސް ތިމަރަފުށިން ކުރިހޯދީ ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުންނެވެ.

އަނެއްކޮޅުން ގާފަރު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި މާފަންނު 4-0 ގެ ނަތީޖާއަކުން ބަލިކޮށް ސެމީ ފައިނަލުގައި ޕެނަލްޓީގައި 7-6 ގެ ނަތީޖާއަކުން މާލެގަން ބަލިކުރުމަށްފަހުގައެވެ.

މި މެޗަށް ނުކުންނައިރު، ތިމަރަފުއްޓަށް އޮންނާނެ އެންމެ ބޮޑު އެޑުވާންޓޭޖަކީ އެ ޓީމުގެ އިތުބާރު ކުޅުންތެރިޔާ އިބްރާހީމް އަސްވަދު (ގަބޭ) ފޯމުގައި ހުރުމެވެ. މީގެ އިތުރުން ސަސްޕެންޝަނުގެ ސަބަބުން ސެމީ ފައިނަލު މެޗު ގެއްލުނު ކެޕްޓަން އިބްރާހީމް ސިނާހުވެސް މި މެޗުގައި ކުޅޭނެއެވެ.

މި މެޗަށް ނުކުންނައިރު ގާފަރު ޓީމަށް އޮންނާނެ އެންމެ ބޮޑު އެޑުވާންޓޭޖަކީ އަލީ މާއިސް (މައްޓު) ޓީމާއި ގުޅި ތަފާތު ދެއްކުމެވެ. އަދި ކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ)ގެ ފަރާތުން މި މުބާރާތުގައި މިހާތަނަށް ފެނުނު ކުޅުމަކީ ކޮންމެ ގޮތެއްވިޔަސް މި މެޗަށް ނުކުންނައިރު ލިބިގެންދާނެ ހިތްވަރެކެވެ.

މި މެޗަށް ތިމަރަފުށިން ނުކުންނާނީ ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުން މީގެ ކުރިން 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. ތިމަރަފުއްޓަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމުވެސްމެއެވެ.

ތިމަރަފުށީގެ މެނޭޖަރު ހުސައިން ނިހާދު ބުނީ އެ ޓީމުން މި މެޗަށް ނުކުންނާނީ އަތޮޅާއި ރަށުގެ ޝަރަފަށްޓަކައި ކަމަށެވެ. އަދި ތަށި ދިފާއު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނިހާދު ބުންޏެވެ.

މިއީ ގާފަރުން މި މުބާރާތުގެ ފައިނަލަށް ނުކުންނަ ދެވަނަ ފަހަރެވެ. މީގެކުރިން 2015 ވަނަ އަހަރުވެސް އެ ޓީމުން ވަނީ މި މުބާރާތުގެ ފައިނަލް ކުޅެފައެވެ. އެކަމަކު ބ. ހިތާދޫ އަތުން ބަލިވެ އެ ފަހަރު ލިބުނީ މާޔޫސްކަމެވެ.

މި މެޗުގެ ކުރިން ގާފަރުގެ ކޯޗު މުޙައްމަދު އައްޒާމް ބުނީ މި މެޗަށް ގާފަރުން ނުކުންނާނީ ތިމަރަފުއްޓަށް ދޭންޖެހޭ އިހުތިރާމު ދީގެން ކަމަށެވެ. އަދި ސަޕޯޓަރުން ދެމުން އަންނަ ތަރުހީބުގެ އަގުވަޒަން ކުރުމަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދުން ނޫން ގޮތެއް ގާފަރަށް ނެތް ކަމަށް އައްޒާމު ބުންޏެވެ.

މި މެޗު ކުޅޭނީ މިރޭ 21:00 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި މެޗު ޔެސް ޓީވީން ވަގުތުން ގެނަސްދޭނެއެވެ.