ކުޅިވަރު

އެމްއޯސީގެ ހަރަކާތްތައް ރަށްރަށަށް ގެންދިއުމަކީ ވިސްނުމެއް: ތަމޫ


ކުރިއަށް އޮތްތަނުގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ހަރަކާތްތައް ރާވާއިރު ވިސްނުމަކީ ގިނަ ހަރަކާތްތަކެއް ރަށްރަށުގައި ކުރިއަށް ގެންދިއުން ކަމަށް އެމްއޯސީގެ ޖެނެރަލް ސެކެޓްރީ ތަމޫހު އަޙްމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އޮލިމްޕިކް ކޮމެޓީގެ ބައެއް ހަރަކާތްތައް ބ. ގޮއިދޫގައި ކުރިއަށް ގެންދިޔައެވެ. އަދި މިއަހަރުގެ ޖުލައި މަހު ފަށާ ކޮމަންވެލްތު ގޭމްސް 2022 ގެ ކުއީންސް ބެޓަން ރިލޭގެ ގިނަ ހަރަކާތްތަކެއް ހދ. ނޮޅިވަރަންފަރާއި ހދ. ނޮޅިވަރަމް އަދި ހއ. ދިއްދޫގައި ކުރިއަށް ގެންދިޔައެވެ.

އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމު ޖަލްސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތަމޫ ވިދާޅުވީ ގިނަ ހަރަކާތްތަކެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި ވިސްނުމަކީ އެ އަދަދު އިތުރު ކުރުން ކަމަށް ތަމޫ ވިދާޅުވިއެވެ.

ރަށްރަށުގައި ކުރިއަށް ގެންދަން ރާވާފައި ހުރި ޕްރޮގްރާމްތަކަށް އަލި އަޅުވާލައި، ތަމޫ ވިދާޅުވީ "ޗެމްޕިއަންސް އޮފް ޗެމްޕިއަންސް" އަކީ ރަށްރަށުގައި ކުރިއަށް ގެންދެވިދާނެ މުހިންމު ކަމެއް ކަމަށެވެ.

ތަމޫ ވިދާޅުވީ އޮލިމްޕިކް ކޮމެޓީން ކުޅިވަރު އެސޯސިއޭޝަންތަކަށް ކޯސްތަކާއި އެހެނިހެން މުހިންމު ފުރުސަތުތައް ހޯދައިދޭއިރު، ޔޫތު ލެވަލްއިން ފެށިގެން ޑިވެލޮޕްކުރެވޭނެ ގޮތްތަކެއް އަބަދުވެސް ހޯދަމުން އަންނަ ކަމަށާއި ކުޅިވަރުތަކުގެ މަތީ ހަރުފަތުގައި ޒުވާން ކުޅުންތެރިންތަކެއް ފެންނަން ހުރުމަކީ އެސޯސިއޭޝަންތަކުން ޔޫތަށް ފޯކަސް ކޮށްގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމުގެ ހެއްކެއް ކަމަށް ތަމޫ ފާހަގަކުރެއްވި އެވެ.