ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ) އިން ހޯދައިފިއެވެ. 
އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި އެސްއެފްއީ އިން ޗެމްޕިއަންކަން ހޯދީ ކާއްޑޭ ސްޕޯޓްސް އެކަޑަމީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. 
ފައިނަލު މެޗުގެ ފުރަތަމަ ސެޓު އެސްއެފްއީން ކާމިޔާބުކުރީ 25-16 އިންނެވެ. އަދި ދެވަނަ ސެޓާއި ތިންވަނަ ސެޓު އެސްއެފްއީން ގެންދިޔައީ 25-21 އަދި 25-21 އިންނެވެ. 
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްއެފްއީގެ އާމިނަތު އިބްރާހީމްއެވެ. 
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ކޭއެސްއޭގެ އާމިނަތު ސިޔާހަތު، ފާތިމަތު ޝިޔާނާ، އެސްއެފްއީގެ އައިމިނަތު އިބްރާހީމް، އަލްމާސް ރަޝީދު، އައިމިނަތު ހަމީޒާ އަޙުމަދު (ލިބަރޯ)، ސުހައިލާ އުސްމާން އަދި ޒަހީރާ ޙަސަންއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި)އެވެ. 
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގަދަކުރުމަށާއި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ކުޅިވަރާ ބެހޭ ވުޒާރާއާ ވީއޭއެމްއިން ކުރާ މަސައްކަތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.