ޚަބަރު

ސަލާމަތީ ކަންކަމާމެދު އެމެރިކާއާ މަޝްވަރާކުރަން ރަޝިޔާއިން ތައްޔާރު


ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ސަލާމަތީ ކަންކަމާމެދު އެމެރިކާއާ މަޝްވަރާކުރަން ތައްޔާރުކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ރިޔާސީ ތަރުޖަމާނު ދިމީތުރީ ޕެސްކޯފު ވިދާޅުވީ ކޮންމެވެސް އިރަކުން އެމެރިކާއާއި ރަޝިޔާއިންވެސް މަޝްވަރާކުރަން ޖެހޭނެކަމަށާއި އެހެންނޫންނަމަ ދުނިޔެއަށް ހަމެޖެހުމެއް ނާންނާނެކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބަސްމަގު ބަދަލުކުރައްވަން ޖެހޭކަމަށާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ދެކޮޅަށް ބޭއަދަބީގޮތަށް މުޙާތަބުކުރުން ހުއްޓާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޒާތީވުމުގެ ބަދަލުގައި ކަންކަން ޙައްލުކުރުމަށް ދެ ޤައުމުންވެސް އިސްކަންދޭން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ބައިޑަންވަނީ ޕުޓިންނަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށާއި ޤާޠިލެއްކަމަށާއި އޭނާ މަޤާމުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ބައިޑަންވަނީ އޭނާ އެ މޭރުމުން ވާހަކަފުޅުދެއްކެވީ އަމިއްލަ އިޙްޞާސްތަކުގެ ސަބަބުންކަމަށާއި އެއީ އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް ދެއްކެވުނު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އެމެރިކާއާ ގާތްގުޅުމެއް އޮންނަ ޔޫކްރެއިނަށް ރަޝިޔާއިން ޙަމަލާދިނުމުން ދުނިޔޭގެ އެންމެ ބާރުގަދަ ދެ ޤައުމުކަމަށްވާ އެމެރިކާއާއި ރަޝިޔާއާ ދެމެދުވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި އެމެރިކާއިން އިސްވެވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ.