ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޞުލްޙައިގެ މަޝްވަރާތަކުގެ އިތުރު ބުރެއް ބާއްވައިފިއެވެ.
ހަނގުރާމަ ހުއްޓާލައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ރަޝިޔާއާއި ޔޫކްރެއިނުގެ ވަފުދުތައް އެއް މޭޒެއް ދޮށުގައި އިށީނދެފައިވަނީ ތިން ހަފުތާފަހުންނެވެ. ހަނގުރާމައިގެ ކުރީކޮޅު އަވަށްޓެރި ބެލަރޫސްގައި ދެ ވަފުދު ބައްދަލުކޮށް މަޝްވަރާކުރި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރަޝިޔާއާއި ޔޫކްރެއިނުން މަޝްވަރާކޮށްފައިވަނީ ވީޑިޔޯ މެދުވެރިކޮށެވެ. މީގެ ކުރީގެ ބައްދަލުވުމުގައި ދެ ވަފުދުގެ ބައިވެރިން ސަލާންކޮށް ގާތްކަމެއް ބެހެއްޓި ނަމަވެސް އެ މަންޒަރު މި ފަހަރު ފެނިފައެއް ނުވެއެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ބޭއްވި އެންމެ ފަހުގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދަޢުރުޢަދާކޮށްފައިވަނީ ތުރުކީވިލާތުންނެވެ. އެ ގޮތުން ދެ ޤައުމުގެ ވަފުދު ބައްދަލުކޮށްފައިވަނީ އިސްތަންބޫލުގައެވެ. އަދި އެ މަޝްވަރާތައް ފެށުމުގެ ކުރިން ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާންވަނީ ޞުލްޙަ ޤާއިމުކުރުމުގެ މުޙިއްމުކަމާ ގުޅޭގޮތުން ތަޤުރީރެއް ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް ޙައްލުކުރުން އޮތީ އެ ދެ ޤައުމުގެ އަތްމަތީގައެވެ.
ރަޝިޔާއާއެކު ކުރަމުންދާ މަޝްވަރާތަކާ ގުޅޭގޮތުން ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމީތުރޯ ކުލޭބާ ވިދާޅުވީ ޔޫކްރެއިނުގެ އެއްވެސް ސަރަޙައްދެއް އަދި އެއްވެސް ރައްޔިތެއް ރަޝިޔާއަށް ދޫކޮށްލަން އެއްބަސްނުވެވޭނެކަމަށެވެ. އަދި މަޝްވަރާތަކުގައި އެންމެ މުޙިއްމު ކަމެއް ދޭނީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށާއި ޙަމަލާބަދަލުކުރަމުންދާ ސަރަޙައްދުތަކުގައި ތާށިވެފައިވާ ޢާއްމުންނަށް ރައްކާތެރިކަމާއެކު އެ ސަރަޙައްދުތައް ދޫކޮށް ދެވޭނެ މަގުފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދުރު ރާސްތާގައި ރަޝިޔާއާއެކު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މަޝްވަރާކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ރިޔާސީ ތަރުޖަމާނު ދިމިތުރީ ޕެސްކޯފު ވިދާޅުވީ ފާއިތުވި މަސްދުވަހު ކުރަމުންދާ މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ނުލިބޭކަމަށާއި އެއް މޭޒެއްގެ ދޮށުގައި އަލުން މަޝްވަރާކުރުމަކީ ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ލިބުނު އުއްމީދެއްކަމަށެވެ. ރަޝިޔާއިންވަނީ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރުމަށާއި 2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ޔޫކްރެއިނުގެ ކުރިމިޔާގެ މިލްކުވެރިކަމަށް ދަޢުވާނުކުރުމަށް ހުށަހަޅައިފައެވެ. އަދި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ޔޫކްރެއިނަކީ ވަކި ފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އޮތުމަށްވެސް ރަޝިޔާއިންވަނީ ހުށަހަޅައިފައެވެ. ރަޝިޔާގެ ޝަރުތުތަކާ ގުޅޭގޮތުން ޔޫކްރެއިނުން އެކި ފަހަރު ވާހަކަދައްކާފައިވަނީ އެކި ގޮތަށެވެ.
ޞުލްޙައިގެ މަޝްވަރާތަކުގެ އިތުރު ބުރެއް ބޭއްވި ނަމަވެސް ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް މަޑުޖައްސާލައިފައެއް ނުވެއެވެ، އެ ގޮތުން މަޝްވަރާތައް ކުރަމުންދިޔަ ވަޤުތުވެސް ރަޝިޔާގެ ޙަމަލާތަކަށް ސަމާލުވުމަށް އިންޒާރުގެ ސައިރިންތައް ޔޫކްރެއިނުގެ ބޮޑެތި ރަށްތަކުގައިވަނީ ގުގުމާލައިފައެވެ. ފާއިތުވި މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޔޫކްރެއިނު ދޫކޮށް 3.8 މިލިޔަން މީހުންވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ.