ޚަބަރު

އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފި


ރޯދަމަހާއި ދިމާކޮށް މުދާ ކްލިއަރ ކުރުމަށް ފަސޭހަ އިންތިޒާމްތަކެއް އެމްޕީއެލްއިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެހެން މަސްމަހާއި އަޅާ ބަލާއިރު ރޯދަމަހުގައި މުދާ އެތެރެކުރާ މިންވަރު ކޮންމެ އަހަރެއްގައިވެސް އިތުރުކަމަށެވެ. އެގޮތުން މި ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް އެކުންފުނިން އަމާޒުހިފާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

" ކުންފުނިން ހިންގާ އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައި ޙާއްސަ މަސައްކަތްތަކެއް ކުރާނެ. އެގޮތުން ޕެރިޝަބަލް ބޯޓްތަކަށް ނުވަތަ ކާބޯތަކެތީގެ ޝިޕްމަންޓްތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ހާއްސަ އެރޭންޖްމަންޓްތަކެއް ހެދިފަ އޮންނާނެ. އޭގެ ތެރޭގަ ވަކިން ހާއްސަ ޓާސްކް ފޯސްއެއް ހެދިފަ އިންނާނެ ޕެރިޝަބަލް ކާގޯ ކްލިއަރިންގ ޕްރޮސެސް ކުރިއަށްދާ ގޮތް މޮނީޓަރކޮށް އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާނަމަ ވަގުތުން ވަގުތަށް ހައްލުކޮށްދީ އަވަސްކޮށް ދިނުމަށްޓަކައި ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ " ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ ރޯދަމަހާއި ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރާ މުދަލަކީ ޕެރިޝަބަލް ކާބޯތަކެތިކަމަށްވާއިރު، މިމުދާ ލޯޑްކުރުމުގައި އިތުރަށް އަވަސްވާނެ ގޮތަކަށް ރޭވިފައިވާކަމަށެވެ. އެގޮތުން މުދާ ހިފައިގެން ބޯޓު ބަނދަރުކުރާ ވަގުތު، މުދާ އަންލޯޑް ކުރުމަށް ލޮރީ ފަދަ ވެހިކަލްތައް މުދާ ހުސްކުރުމަށް ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ރޯދަމަހާއި ގުޅިގެން އެ ކުންފުނިން މުދާ ހުސްކުރާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 16:00ށް އަދި ރޭގަނޑު 9:00އިން ފެށިގެން ދަންވަރު 1:30 އާހަމައަށް ބޯޓް ކްލިއަރ ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑުބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކަށްވެފައި ޕެރިޝަބަލް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރު 1:30 ހަމައަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން ހުކުރު ދުވަހުވެސް ޕެރިޝަބަލް ކާބޯތަކެތި ހިފައިގެން ބޯޓެއް އައިސްފިނަމަ ކްލިއަރ ކުރުމުގެ އޮޕްރޭޝަން އެކުންފުނިން ކުރިއަށް ގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ. ހަމައެއާއެކު އެހެނިހެން ސާވިސްތައްވެސް މިވަގުތުތަކުގައި ކުރިއަށް ދާނެކަމަށް އެކުންފުނިން ބުނެއެވެ.

ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން، ބަނދަރުގައި ދެބޯޓެއް އޮތް އިރު، މި ހަފްތާގެ ތެރޭ އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ