ޚަބަރު

އެފްއެސްއެމްގެ ހުޅުމާލެ ޕެޓްރޯލް ޝެޑުގެ ހިދުމަތް 24 ގަޑިއިރަށް


އެފްއެސްއެމް ހުޅުމާލެ ޕެޓްރޯލް ޝެޑު، 24 ގަޑިއިރު ޙިދުމަތްދޭ ޝެޑަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޑަރ މުހައްމަދު ގަސަމް ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވުމުގެ ސަބަބުން ތެލުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދިނުމާށް ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ އީޒީފިލް 3 ގެ ހިދުމަތް 24 ގަޑިއިރަށް ދިނުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައިވާކަމަށްވެސް ގަސަމް ވިދާޅުވިއެވެ.

އެފްއެސްއެމްގެ ޝެޑްތަކުގެ ތެރެއިން މިހާރު 24 ގަޑިއިރު އޮޕަރޭޓްކުރަމުންދަނީ މާލެ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑް އެކަންޏެވެ.

ހުޅުމާލޭގެ އިތުރުން، މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. އަދި ތިލަފުށީގައިވެސް އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުރެއެވެ.