ކުޅިވަރު

ވީއޭއެމްގެ ކަލަންޑަރު ނެރެފި، ފުރަތަމަ މުބާރާތަކީ އެސޯސިއޭޝަން ކަޕު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކަލަންޑަރު ނެރެފިއެވެ.

ވީއޭއެމުގެ އަހަރީ ކަލަންޑަރު އާންމުކުރިއިރު، ލޯކަލް ސީޒަންގެ ގައުމީ ފެންވަރުގެ މުބާރާތްތައް ފަށަން ތާވަލުކޮށްފައިވަނީ މެއި 15 ވަނަ ދުވަހު އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުންނެވެ. ޕްރިލިމިނަރީ ބުރުން ހޮވޭ ޓީމުތަކާއެކު އެސޯސިއޭޝަން ކަޕުގެ ފައިނަލް ބުރު ކުރިއަށްދާނީ މެއި 24 ވަނަ ދުވަހުއެވެ.

ވީއޭއެމުން އެންމެ ފަހުން އެސޯސިއޭޝަން ކަޕު ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

އޭގެ ފަހުން ވީއޭއެމް ހިންގުން ނޯމަލައިޒް ކޮމިޓީއަކާ ހަވާލުކޮށް ފަހުން އިންޓަރިމް ކޮމިޓީއެއްގެ ބެލުމުގެ ދަށަށް އެސޯސިއޭޝަން ދިޔައިރު، އެންމެ ފަހުން ވީއޭއެމްގެ އިންތިހާބެއް ބޭއްވި މިހާރު އޮތް ލީޑަޝިޕާ ހިންގުން ހަވާލުވީ މިދިޔަ އަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ.

ކޮވިޑާއެކު ރާއްޖޭގެ ކުޅިވަރަށް އައި ހުއްޓުމުގެ ތެރޭގައި ލޯކަލް ވޮލީ މުބާރާތެއްވެސް ބޭއްވޭ ގޮތް ވަނީ މިދިޔަ ދެ އަހަރު ނުވެފައެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން މި ވަގުތު ފުރުސަތު ލިބިފައި އޮތީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބް އެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ހަ ޓީމެއް ހިމެނޭ ގޮތަށެވެ. އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުން ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންްޝިޕްގެ ޒޯން ޗެމްޕިއަން ޓީމުތަކަށް ފުރުސަތު ލިބޭނެ އެވެ. މިހާރު ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުތައް ދަނީ ކުރިއަށެވެ. ފ. އަތޮޅުގެ މުބާރާތް ނިމިފައިވާއިރު، މި ވަގުތު ކުރިއަށްދަނީ ގދ. އަތޮޅުގެ މުބާރާތެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީގެ ބައިނަލްއަގްވާމީ މުބާރާތްތަކަށް ބަލާއިރު ދުނިޔޭގެ ވޮލީގެ މައި ޖަމިއްޔާ އެފްއައިވީބީގެ ބީޗް ވޮލީ ޓުއާގެ މުބާރާތް އަންނަ އޮކްޓޫބަރު މަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި ސެންޓްރަލް ޒޯން ޗެލެންޖު ކަޕް ޑިސެމްބަރު މަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ބީޗް ވޮލީބޯލް ޕްރޯ ޓުއާގެ ތިންބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓުކުރާނީ އޮކްޓޫބަރު 13 އިން 16 އަށެވެ. ވައިލްޑްކާޑް އެންޓްރީގެ ގޮތުގައި ރާއްޖޭގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ.

ސެންޓްރަލް ޒޯން ޗެލެންޖް ކަޕްގެ އަންހެން އަދި ފިރިހެން މުބާރާތް ޑިސެމްބަރު މަހު ރާއްޖޭގައި ހޯސްޓްކުރާއިރު، އެ މުބާރާތުން މެޑަލަކަށް ޓާގެޓްކޮށްގެން ވީއޭއެމުން ގިނަ މަސައްކަތްތަކެއް މި އަހަރު ތެރޭ ކުރާނެ އެވެ. އެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމަށް ވަނީ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ހަމަޖައްސައިފައެވެ. ކޯޗު، ވެލޯސޯއާ އެކު ފިރިހެން ވޮލީޓީމުން ޓްރެއިނިންތައް ކުރިއަށްގެންދާއިރު، އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ މި ވަގުތު ވެސް ހަވާލުވެހުރީ މުމްތާޒް އަލީ (މުންތޭ)އެވެ.