އިސްރާއީލުގެ ބޮޑުވަޒީރު ނަފުތާލީ ބެނެޓަށް ކޯވިޑް-19 ޖެހިއްޖެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ބެނެޓުގެ ޙާލުކޮޅު ރަނގަޅުކަމަށާއި އޭނާ ހުންނެވީ އަމިއްލަފުޅު ގޭގައި އެކަހެރިވެވަޑައިގެންކަމަށްށެވެ. ޢުމުރުފުޅުން 50 އަހަރުގެ ބެނެޓުވަނީ ކޯވިޑް-19ގެ ވެކްސިންގެ ތިން ޑޯސް ޖައްސަވައިފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރަށް ކޯވިޑް-19 ޖެހިފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާ ބައްދަލުކުރެއްވިތާ އެއް ދުވަސްފަހުންނެވެ. އެ ބައްދަލުވުމުގައި ބެނެޓުވެސް އަދި ބުލިންކެންވެސް މާސްކު އަޅުއްވާފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން އިސްރާއީލުގެ އުތުރަށް ކުރެއްވި ޒިޔާރަތެއްގައި ބެނެޓު ހުންނެވީ މާސްކު އަޅުއްވައިވެންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އިސްރާއީލަށް ވަޑައިގެންފައިވަނީ ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ބާއްވައި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެ ބައްދަލުވުމުގައި އެމެރިކާއާއި އިސްރާއީލާއި މިޞްރާއި ޔޫއޭއީއާއި މަޣްރިބާއި ބަޙްރައިނުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމާއި އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުއާއި ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.
އިސްރާއީލުގައި ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް 13،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.