ކުޅިވަރު

ޕުލިސިޗްގެ ހެޓްރިކާއެކު އެމެރިކާއިން އުންމީދު އާކޮށްފި


ކެޕްޓަން ކްރިސްޓަން ޕުލިސިޗު އެމެރިކާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކާއެކު އެމެރިކާއިން ވޯލްޑް ކަޕުގެ އުންމީދު އާކޮށްފިއެވެ.

މީގެ ކުރިން 10 ފަހަރު ވޯލްޑް ކަޕުގައި ކުޅުނު އެމެރިކާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޖާގަ ގެއްލުނީ ކޮލިފައިންގެ ފަހު މެޗުގައި ޓްރިނަޑާޑް އެންޑް ޓޮބޭގޯ އަތުން ބަލިވުމުންނެވެ. އެކަމަކު މި ފަހަރުގެ ކޮލިފައިންގެ ފަހު މެޗުން ބަލިވެގެންވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އެމެރިކާއަށް އޮންނާނެއެވެ.

އެމެރިކާއިން ކޮލިފައިންގައި ރޭ ޕެނެމާއާ ވާދަކުރި މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަނީ ހަތަރު ލަނޑު ޖަހައިފައެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޕުލިސިޗް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ޕައުލް އެރިއޯލާއެވެ. އަދި ތިންވަނަ ލަނޑު ޖީސޫސް ޕެރޭރާ ކާމިޔާބު ކޮށްދިން އިރު، ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޕުލިސިޗެވެ.

ދެވަނަ ހާފު ފަށައިގެން 20 ވަނަ މިނެޓުގައި ޕުލިސިޗް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ޕެނަމާއަށް ފަރަގު ކުޑަކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި އަނިބަލް ގޮޑޯއިއެވެ.

ކޮލިފައިންގެ ފަހު މެޗުގައި އެމެރިކާއިން ކޮސްޓަރިކާއާ ދެކޮޅަށް ނުކުންނައިރު، މެކްސިކޯ ނުކުންނާނީ އެލް ސަލްވަޑޯއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ކެނެޑާ ކުޅޭނީ ޕެނަމާއާ ދެކޮޅަށެވެ. ކޮލިފައިންގެ އެންމެ މެޗަކުން ވެސް މިހާތަނަށް މޮޅެއް ހޯދިފައި ނުވާ ހޮންޑިއުރާސް ނުކުންނާނީ ޖަމައިކާއާ ދެކޮޅަށެވެ.