ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލަށް މާލެގަން ބަލި ކުރުމަށްފަހު ގާފަރު ދަތުރުކުރިއިރު، ކުޑަހުވަދޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިންވެސް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ގާފަރުން މާލެގަން އާއި ވާދަކޮށް ކާމިޔާބުކުރީ ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ގާފަރާއި މާލެގަން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގާފަރުންނެވެ. މި ލަނޑަކީ މާލެގަން ޓީމުގެ މުޙައްމަދު ސާދު ނިޒާރު ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު ބަދަލުތަކަކާއެކު މާލެގަމުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާލެގަން ޓީމުން ނަތީޖާ ހަމަހަމަކުރީ އަބްދުﷲ ރަޝީދު ޖެހި ލަނޑުންނެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރު ތަކެއް ނުވަނީސް މާލެގަން ޓީމުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް އަލީފް އަޙްމަދެވެ. އެކަމަކު ގާފަރުން ވަނީ ފުލުފުލުގައި މާލެގަން ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ގާފަރަށް ކާމިޔާބު ކޮށްދިނީ ގައިސާން އަބޫބަކުރު މާހިރެވެ.
ނަތީޖާ ހަމަހަމަ ކުރުމަށްފަހު ވެސް ގާފަރުން ވަނީ ފުލުފުލުގައި މާލެގަން ގޯލަށް ނުރައްކާކޮށްފައެވެ. ގާފަރަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޝާފީ އުމަރެވެ. އެކަމަކު މެޗު ނިމެން 15 ސިކުންތައް ވެފައިވަނިކޮށް މާލެގަން ޓީމުން ވަނީ ނަތީޖާ ހަަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރީޝްއެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ގާފަރު މޮޅުވީ މާލެގަންގެ ދެ ޕެނަލްޓީ ހުއްޓުވައިގެންނެވެ. އެ ގޮތުން މާލެގަން ޓީމުގެ އަބްދުﷲ ރަޝީދު ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރުވިއިރު، ކެޕްޓަން އަޖުމަލް އަހުމަދު ޖެހި ޕެނަލްޓީ ގާފަރު ޓީމުގެ ކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) ވަނީ މަތަކޮށްފަ އެވެ.
މީގެ އިތުރުން ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ވަނީ ފަސޭހަކަމާއެކު، 7-1 ގެ ނަތީޖާއަކުން ކުޑަހުވަދޫ ބަލިކޮށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މެޗު ފަށައިގެން މާގިނައިރު ތަކެއް ނުވަނީސް ތިމަރަފުށިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް މުނީޒްއެވެ. އަދި ތިމަރަފުށީގެ ދެވަނަ ލަނޑު އިބްރާހީމް ހަމްދާން ޖެހީ ކުޑަހުވަދޫ ޓީމުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހުގައެވެ. އޭގެ ފަހުން އަލީ ޝިފާއު (ރޮނާ) ވަނީ ތިމަރަފުއްޓަށް ލީޑު ނަގައިދީފައެވެ. އެކަމަކު ސައުކަތު ވަނީ ކުޑަހުވަދޫއަށް ލަނޑެއް ޖަހާދީ ފަރަގު ކުޑަކޮށްފައެވެ. އެކަމަކު ރޮނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުއްޓަށް ލަނޑެއް ޖަހާދީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ.
ދެވަނަ ހާފު ފަށައިގެން ތިމަރަފުށިން ގިނަ އެޓޭކްތަކެއް ކޮށްފައިވެއެވެ. އެކަމަކު ތިމަރަފުށީގެ ގިނަ ހަމަލާތައް އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ. މި ހާފުގެ ފަހު ކޮޅުގައި ތިމަރަފުށިން ތިން ލަނޑު ޖެހިއެވެ. ހުސެއިން އަލީ ދިން ބޯޅައަކުން ރޮނާ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އަނެއް ދެ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޒިޔާން އެވެ. ޒިޔާންގެ އެއް ލަނޑަށް ފުރުސަތު ތަަނަވަސްކޮށްދިނީ ހުސެއިން އަލީ އެވެ. އަނެއް ލަނޑު ޖެހީ ބަދަލަކަށް އެރި މުހައްމަދު ޒަޔާން މުލާޒް ދިން ބޯޅައަކުންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެޔެވެ.