ކުޅިވަރު

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުން ރާއްޖެއަށް ހަތަރު ވަނަ


އިންޑިއާގެ ނާގާލޭންޑްގައި މި ހަފްތާ ބަންދުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި އަންހެން އަދި ފިރިހެން ޓީމަށް ހަތަރުވަނަ ލިބިއްޖެއެވެ.

ފަސް ގައުމެއްގެ މެދުގައި ކުރިއަށްދިޔަ މި ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުގެ އެއްވަނައަށް ދިޔައީ އިންޑިއާއެވެ. ދެވަނައަށް ސްރީލަންކާ ދިޔައިރު ތިންވަނަ ހޯދީ ނޭޕާލުންނެވެ. ހަތަރުވަނަ ރާއްޖެއަށް ލިބުނުއިރު، ފުލުގައި އޮތީ ބަންގްލަދޭޝްއެވެ.

ރާއްޖޭން 10 ކިލޯމީޓަރުގެ ފިރިހެން ދުވުމުގައި ވާދަކޮށް އެންމެ ރަނގަޅު ޓައިމިންއެއްގައި ނިންމީ ނަސީރު ސްޕޯޓްސް އެކެޑަމީގެ ހުސެއިން ފަޒީލް ހާރޫން އެވެ. އޭނާގެ ޓައިމިން އަކީ 36 މިނިޓް 07 ސިކުންތެވެ. ދެ ވަނަ އަށް އެންމެ ރަނގަޅު ޓައިމިން އަކު ނިންމީ ކްރޮސް ކަންޓްރީގައި ވާދަކުރި ޓީމުގެ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ މެރަތަން ރަނާސް ޓީމުގައި ހިމެނޭ މުހައްމަދު ރަޝީދު (މޯޑު) އެވެ. އޭނާގެ ޓައިމިން އަކީ 36 މިނިޓް 41 ސިކުންތެވެ. މޯޑު، ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް ޓީމަށް ނެގީ ޔޫސުފް އިބްރާހިމަށް އަނިޔާވެގެންނެވެ. މެރަތަން ރަނާސްގެ މުހައްމަދު އިރުފާން ނިންމީ 37 މިނިޓް 28 ސިކުންތުންނެވެ.

އަންހެން 10 ކިލޯމީޓަރު ދުވުމުގައި ރާއްޖޭން އެންމެ ރަނގަޅު ޓައިމިންއެއްގައި ނިންމީ ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމް (މަރީ) އެވެ. މަރީގެ ޓައިމިން އަކީ 46 މިނިޓް 38 ސިކުންތެވެ. މެރަތަން ރަނާސްގެ ރާނިޔާގެ ޓައިމިން އަކީ 47 މިނިޓް 09 ސިކުންތެވެ. އަދި ހަމަ އެ ޓީމުގެ އައިޝަތު ރިޝްމީ ނިންމީ 50 މިނިޓް 28 ސިކުންތެވެ.

2018 ވަނަ އަހަރު ބޫޓާނުގައި ބޭއްވި ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕުގައި ރާއްޖެ ދިޔައީ ފުލަށެވެ.

ކޯޗު ނަސްރު ބުނީ ޖުމްލަކޮށް މިފަހަރުގެ ޓައިމިންތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މުބާރާތުން މެޑައްޔަކާ ހަމައަށް ރާއްޖެއަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.