ވިޔަފާރި

ކޯޕަރޭޓިވް ސޮސައިޓީތަކަށް ތައިލޭންޑްގައި ތަމްރީނު ދެނީ


މަހުން އުފައްދާ ތަފާތު އުފެއްދުންތައް ތައްޔާރުކުރާނެ ގޮތްތައް ދެނެގަނެ  ކޯޕަރޭޓިވް ސޮސައިޓީތަކުގެ ވިޔަފާރި ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތައް އުގަންނައިދިނުމަށް ދިވެހި ތޭރަ ބައިވެރިއަކާއެކު ތައިލެންޑްގައި ވަރކްޝޮޕެއް ފަށައިފިއެވެ."ޕޯސްޓްހަރވެސްޓް އެންޑް ވޭސްޓް ޔުޓިލައިޒޭޝަން ޓެކްނޮލޮޖީ އޮފް ފިޝް"ގެ ނަމުގައި ހިންގާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދަނީ ތައިލެންޑްގެ ކަސެޓްސަރޓް ޔުނިވަރސިޓީގައި ކަމަށް މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއެވެ.13 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް މިމަހުގެ 22އަށް ތައިލޭންޑްގައި ކުރިއަށް ދާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.މިއީ މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލް ކުރުމަށްޓަކައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވްސްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، މިކަމަށް ޒުވާނުންނާއި އަންހެނުން އަހުލުވެރިކުރުވުމުގެ ގޮތުން މަސްވެރިކަމުގެ ކޯޕަރޭޓިވްސްތައް އުފައްދައި، ހަރުދަނާކޮށް އެތަންތަނުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.މިތަމްރީން ޕްރޮގްރާމްގައި ގއ.ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން 5 ބައިވެރިންނާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން 5 ބައިވެރިން އަދި މިނިސްޓްރީގެ ފަރާތުން  ފަންނީ 3 މުވައްޒަފުން ބައިވެރިވާކަމަށް ފިޝަރިޒް މިނިސްޓްރީން ވިދާޅުވެއެވެ.މިތަމްރީން ޕްރޮގްރާމްގައި މަހުގެ ތަފާތު ވެލިއު އެޑަޑް އުފެއްދުންތައް ތައްޔާރުކުރާނެ ގޮތްތަކާއި، މަހުގެ އުކާލެވޭބައިން ތަފާތު އުފެއްދުން ތައްޔާރުކުރާނެ ގޮތްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މަހުގެ އުފެއްދުން ތައްޔާރުކުރާ ތަފާތު ކާރުޚާނާތަކަށް ތަޖްރިބާ ހޯދުމުގެ ދަތުރުތަކެއްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.މިނިސްޓްރީން ކުރިއަށްގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް) ޕްރޮގްރާމާއި ގުޅިގެން މަސައްކަތްކުރަމުންދާ ކޯޕަރޭޓިވް ސޮސައިޓީތަކުން މިހާރުވެސް އަންނަނީ މަހުގެ ތަފާތު ވެލިއު އެޑަޑް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުންނެވެ.ވެލިއުޗެއިން ކޯޕަރޭޓިވް އަދި ކުންފުނިތައް މެދުވެރިކޮށް، ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރީގައި ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް ވެލިއުއެޑްކުރުމާއި މާރކެޓް ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް އާމްދަނީ ލިބޭނެގޮތް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގަމުންގެންދާ މިޕްރޮގްރާމްގެ އެހީގައި ރާއްޖޭގައި މިހާރު 7 ކޯޕަރޭޓިވް ޙަރަކާތްތެރިވަމުންދެއެވެ.