ރަޝިޔާގެ ފައުޖުތައް ޔޫކްރެއިނުން ފޭބުމުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރުކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއަށް ދެކޮޅަށް އެމެރިކާއާއި ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއާއި ކެނެޑާއާއި ޖަޕާނުންވަނީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޭންކިން ނިޒާމުން ރަޝިޔާ ބާކީކުރުމާއި އެ ޤައުމުތަކުން ރަޝިޔާއަށް ކުރަމުންދާ ވައިގެ ދަތުރުތައް ހުއްޓާލުމާއި އެ ޤައުމުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ރަޝިޔާއާއެކު ޑޮލަރާއި ޔޫރޯއިން ކުރަމުންދާ މުޢާމަލާތްތައް ހުއްޓާލުން ހިމެނެއެވެ. އަދި ރަޝިޔާ ނޫން އެހެން ޤައުމުތަކުން ތެލާއި ގޭހާއި ގޮދަން ހޯދުމުގެ މަސައްކަތްވެސް އެ ޤައުމުތަކުންވަނީ ފަށައިފައެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ލިޒު ޓުރަސް ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނެ ގޮތްތަކެއް އެބައޮތްކަމަށާއި އެއީ ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި އެ ޤައުމުން ރަޝިޔާގެ ފައުޖުތައް ފޭބުންކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކުރިން ރަޝިޔާއިން އިތުރު ޙަމަލާތަކެއް ނުދޭނެކަމުގެ ޔަޤީން ދޭންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އެއްކައިރިކޮށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރަމުންދާކަން ފެންނަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެފައިވަނީ އެ ޤައުމުން އޮތީ އެފަދަ ފިޔަވަޅުތަކަކަށް ތައްޔާރުވެގެންކަމަށާއި އެ ފިޔަވަޅުތަކުން ދުނިޔޭގެ ބާރުތަކަށް ކުރާނެ އަސަރު ބޮޑުވާނެކަމަށެވެ. އޭގެ އިތުރުން ރަޝިޔާއިން ވިއްކާ ތެލާއި ގޭހާއި ގޮދަނަށް ފައިސާ ދެއްކުމަށް ހަމައެކަނި ރޫބަލް ބޭނުންކުރުމަށް ނިންމާފައިވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ވިލާތުގެ ޤައުމުތަކަށް ބޭނުންވާ %40 ގޭހާއި ތެޔޮ ގަންނަނީ ރަޝިޔާއިންނެވެ.