ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި ސަޢުދީ ޢަރަބިއްޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ޚޫޘީން ދެމުންދާ މިސައިލާއި ޑުރޯން ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން އީރާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަން ލިބޭ ޚޫޘީންވަނީ ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި އެ ޤައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނިކަމަށް އަރަމުކޯއިން ތެޔޮ އުފައްދާ މަރުކަޒަކަށް މިސައިލުން ޙަމަލާދީފައެވެ. އެއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޖިއްދާއަށް ޙަމަލާދިން ދެވަނަ ފަހަރެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ރާސް ތަނޫރާއާއި ރާބިޣުގައި އަރަމުކޯއިން ހިންގައި ތެޔޮ އުފައްދާ މަރުކަޒުތަކަށް ޑުރޯނުން ޙަމަލާދީފައެވެ.
ޚޫޘީން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނުގެ ބޮޑެތި ރަށްތައްކަމަށްވާ ޞަންޢާއާއި ޙުދައިދާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ސަޢުދީ ޢަރަބިއްޔާއިން ބުނެފައިވަނީ ޔަމަނަށް ޙަމަލާދޭން ފަށާފައިވަނީ އެ ޤައުމުގެ ހަކަތައިގެ ވަޞީލަތްތައް ޙިމާޔަތްކުރުމަށްކަމަށާއި އެ ޤައުމުގެ މަޤްޞަދުތައް ޙާޞިލުވަންދެން ޚޫޘީންގެ މަޤާމުތަކަށް ޙަމަލާދެމުންދާނެކަމަށެވެ.
ޔަމަނުގެ މަޞްރަޙު އިތުރަށް ގޯސްވެފައިވަނީ އެ ޤައުމުގެ އިދިކޮޅު ޚޫޘީންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ ހަނގުރާމައަށް ހަތް އަހަރުފުރިފައިވަނިކޮށެވެ. 2014ވަނަ އަހަރުގެ ތެރޭގައި ފެށުނު ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސަޢުދީ ޢަރަބިއްޔާ ވަދެފައިވަނީ ޔަމަނުގެ ރައީސް ޢަބުދުއްރައްބޫހު މަންސޫރު ހާދީގެ ވެރިކަން ދިފާޢުކުރުމަށެވެ.