ޚަބަރު

ދެވަނަ ކަޅުފޮށި ހޯދައި މަތިންދާބޯޓުން ދަތުރުކުރި އެންމެން މަރުވިކަމަށް ނިންމައިފި


މާރިޗު 21ވަނަ ދުވަހު ވެއްޓުނު ޗައިނާ އީސްޓަންގެ މަތިންދާބޯޓުގެ ދެވަނަ ކަޅުފޮށި ހޯދައިފިއެވެ.

އެމެރިކާގެ ބޮއިން ކުންފުނީގެ 800-737 މަރުކައިގެ މަތިންދާބޯޓު ވެއްޓުނީ ޗައިނާގެ ކުންމިންގުން ގުއާންޒޯއަށް ދަތުރުކުރަނިކޮށެވެ. ފަރުބަދަމަތީ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓުމާއެކު އޭގައި ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. އެ މަތިންދާބޯޓު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ނުބެލެވޭކަމަށާއި އެއަރ ކޮންޓުރޯލުން ޕައިލެޓުންނާ ވާހަކަދައްކަމުންދިޔަކަމަށް ސިވިލް އޭވިއޭޝަން އެޑުމިނިސްޓުރޭޝަން އޮފް ޗައިނާ، ސީއޭއޭސީންވަނީ ބުނެފައެވެ. އަދި މަތިންދާބޯޓު ވެއްޓުނީ ކުއްލިއަކަށް މިނެޓަކު 31،000 ފޫޓުގެ ބާރުމިނުގައިކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ސީއޭއޭސީން ބުނީ މަތިންދާބޯޓުން ދަތުރުކުރި 132 މީހުން މަރުވެފައިވާކަމަށް ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ނުވަ ފަޅުވެރިންވެސް ހިމެނެއެވެ. ސީއޭއޭސީން ބުނެފައިވާ ގޮތުގައި ދެވަނަ ކަޅުފޮށި ހޯދާފައިވަނީ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދާ 40 މީޓަރު ދުރުން ދޮޅު މީޓަރު އަޑީގައި ވަޅުލެވިފައިވަނިކޮށެވެ. އަދި ކަޅުފޮށީގެ މަޢުލޫމާތު ދެނެގަތުމަށް ވެރިރަށް ބެއިޖިންނަށް ފޮނުވާފައިވާކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ޗައިނާގެ ސަރުކާރުން ހިންގައި އެންމެ ބޮޑު ތިން އެއަރލައިނުގެ ތެރޭގައި ޗައިނާ އީސްޓަން ހިމެނެއެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ހިމެނޭހެން 248 މަންޒިލަކަށް ޗައިނާ އީސްޓަންނުން ދަތުރުކުރެއެވެ. އަދި ދުނިޔޭގެ އެންމެ ސަލާމަތީ ކަންކަން ރަނގަޅު އެއަރލައިނުތަކުގެ ތެރޭގައި ޗައިނާ އީސްޓަން ހިމެނެއެވެ.

ޢާއްމު ގޮތެއްގައި ޗައިނާގައި ނުރައްކާތެރި ވައިގެ ޙާދިޘާތަކެއް ނުހިނގައެވެ. އެ ޤައުމުގައި އެންމެފަހުން ނުރައްކާތެރި ވައިގެ ޙާދިޘާއެއް ހިނގާފައިވަނީ 2010ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު ހެނާން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި އެ އުޅަނދުން ދަތުރުކުރި 96 މީހުންގެ ތެރެއިން 44 މީހުން މަރުވިއެވެ.