ކުޅިވަރު

އަރަނި ބަޖަޓެއް ފާސްކޮށް އޮލިމްޕިކް ކޮމެޓީން ބޮޑު އަހަރަކާ ދިމާލަށް


މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ބޮޑު އަހަރަކަށް އަރަނި ބަޖަޓެއް ފާސްކޮށްފިއެވެ.

ފާއިތުވެދިޔަ ދެ އަހަރު ކޮވިޑްގެ ހާލަތާ ގުޅިގެން އޮންލައިންކޮށް އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު، އިއްޔެ އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ހ. މީރުމާ ކީރަންމާ މާލަމުގައެވެ.

އިއްޔެ ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި އެ ކޮމެޓީން ފާސްކުރި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ހިމަނައިފައިވަނީ 50 މިލިއަން ރުފިޔާއެވެ. އަދި ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ރާއްޖެ ވާދަކޮށް، ސްކޮލަޝިޕްތަކާއި ގޭމްސްތަކުގެ ތައްޔާރީތަކާއި އޮލިމްޕިކް ކޮމިޓީގެ މުވައްޒަފުންނާއި ކުޅިވަރު އެސޯސިއޭޝަނަށް ފަހިކޮށްދޭ އެކި ފުރުސަތުތަކަށް ހިނގާނެ ހަރަދުތައް ކަމަށް ޖުމްލަ އެކު ހިމަނާގައިވަނީ 47 މިިލިއަން ރުފިޔާ އެވެ.

މި ބަޖެޓުގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެކި ގޭމްސްތަކަށް ދޭ މާލީ އެހީ ހިމަނާފައިވެއެވެ.

މިފަހަރު ރާއްޖެއިން ވާދަކުރާނެ ގޭމްސްތަކަކީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސްއެވެ.

އެމްއޯސީން ބުނީ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ދަނީ ގޭމްސްތަކަށް ކަމަށާއި އެގޮތުން 36 މިލިއަން ރުފިޔާ ވަރު ގޭމްސްތަކަށް ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާގައި ވަނީ ކުރިން އެ އެސޯސިއޭޝަން ހިންގުމުގައި އިސް މަސައްކަތްތަކެއް ކުރެވި ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ފިލައެއް ދީފަ އެވެ. އަގުވަޒަންކުރުމުގެ ފިލާ ދިން ފަރާތްތަކުގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ)، އިބްރާހިމް އިސްމާއިލް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ހަޒާންދާރު ހުސެއިން ރަޝީދު ހިމެނެ އެވެ.