ކުޅިވަރު

ފުރަތަމަ ޓީ 10 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން އެކަޑަމީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބޭއްވި ފުރަތަމަ ޓީ 10 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކަޑަމީން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުޅުނު މެޗު ސީބީއެލް އާއި ވާދަކޮށް މިލާނުން ކާމިޔާބުކުރީ 51 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން މިލާނުން ނިންމީ ކުޅެން އަރާށެވެ. މިލާނުން ވަނީ 10 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 117 ލަނޑު ހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 54 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އަޒްޔާންއެވެ.

ޖަވާބުގައި ސީބީއެލް އިން ކުޅެން އަރާ 10 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި ދިޔަނަދުރަ މަނޯޖްސަރަތުޗަންދުރައެވެ.

އިއްޔެ ހެނދުނު ކުޅުނު ރޭންކިން މެޗުގައި ނިއު ސްޓާ އަތުން އައިޒީ މޮޅުވީ ހަތް ވިކެޓުންނެވެ.

ޓީ10 ކްރިކެޓް މުބާރާތަކީ މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފޯމެޓެއްގެ މުބާރާތެކެވެ. ރާއްޖޭގައި މުޅިން އަލަށް ބޭއްވި ޓީ10 ކްރިކެޓް މުބާރާތުގެ ޝަރަފްވެރި އެއް ވަނަ ހޯދި މިލާން ކްރިިކެޓް އެކެޑަމީ ވަނީ މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗުތަކަކުން މޮޅުވެފަ އެވެ.