ޚަބަރު

ފުލުހުންނާއެކު ހަރަކާތްތެރިވީ ބިދޭސީ މެޑިކަލް އޮފިސަރެއް


އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާ ކޮންޓްރޯލްކުރުމަށް އުޅުނު ފުލުހުންނާއެކީ އުޅުނު ބިދޭސީ މީހާއަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ މުޒާހަރާކުރި ސަރަހައްދުގައި އުޅުނު ބިދޭސީއަކާއި ގުޅޭގޮތުން ތަފާތު ގޮތްތޮތަށް މީޑިއާތަކުގައި ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މުޒާހަރާއިން ފެނުނު ބިދޭސީ މީހާއަކީ ފުލުހުންގެ ހިދުމަތުގެ ސިއްހީ ބަހާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއްކަމަށެވެ، އަދި މުޒާހަރާގައި އޭނާ ހަރަކާތްތެރިވީ ފުލުހުންގެ މެޑިކަލް ޓީމާއެކުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ބައެއް މީޑިއާތަކުން އެ މީހާގެ ފޮޓޯ އާއި ޚަބަރު އާންމުކުރި ގޮތުން މިހާރު އޭނާ އަށް އިންޒާރު ލިބެމުންދާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެވެސް މުޒާހަރާއެއް ބާއްވާފައިވާއިރު، އެއީ ޤާނޫނާއި ހިލާފަށް ބާއްވާ އެއްވުންތަކެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.