ފީފާ ކަލަންޑަރު ތާރީޚުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން ބަންގްލަދޭޝް އަތުން ލިބުނު މޮޅު އެއީ ޓީމަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ކުރިން އިތުރު މެޗުތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ބުނެފިއެވެ.
މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގައި ކުރިއަށް ދިޔަ ފޯ ނޭޝަން ކަޕުން ބަންގްލަދޭޝް އަތުން 2-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެފައިވީ ނަމަވެސް ބުރާސްފަތި ދުވަހުގެރޭ ރާއްޖެއިން ވަނީ 2-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށްފައެވެ.
މި މެޗަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން އަކޫ ބުނީ މި މެޗުން ރާއްޖެއަށް ލިބުން މޮޅު އެއީ ހައްގު މޮޅެއް ކަމަށެވެ. އަދި މި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް އަކޫ ބުންޏެވެ.
އަކޫ ބުނީ ރަނގަޅު ގޭމެއް ކުޅެ ބަންގްލަދޭޝް ބަލިކުރެވުމަކީ ޓީމަށް ލިބުން ހިތްވަރެއް ކަމަށެވެ.
ޖޫން މަހު ކުޅެން ޖެހޭ ކޮލިފިކޭޝަން މެޗުތަކުގެ ކުރިން ގައުމީ ޓީމުން އިތުރު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ޖެހޭ ކަމަށް ބުނަމުން އަކޫ ބުނީ ޓީމު އެކުނުވެ ގިނަ ދުވަސްވުން އެއީ ގޯހެއް ކަމަށެވެ. އަދި އެކުގައި ގިނަ މެޗުތަކެއް ކުޅެވިއްޖެ ނަމަ ތަފާތު ދެއްކޭނެ ކަމަށް އަކޫ ބުންޏެވެ.
އަކޫ ބުނީ ބަންގްލަދޭޝް މެޗުން ޒުވާން ކުޅުންތެރިން ސާބިތުކޮށްދިނީ މުހިންމު ކުޅުންތެރިން ނެތް ހާލަތުގައި ވެސް އެތަން ފޫބެއްދޭނެކަން ކަމަށެވެ.
މި މެޗަށް ރާއްޖެއިން ނުކުތީ އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިން ނުހިމަނައެވެ. އެގޮތުން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) ވެސް މި މެޗު ކުޅެފައެއް ނުވެއެވެ.