ޚަބަރު

ރަޝިޔާގެ ޢަމާޒު ދޮންބާސް މިނިވަންކުރުމަށް


ޔޫކްރެއިނުގައި ހަނގުރާމަކުރަމުންދާ ރަޝިޔާގެ އަސްކަރިއްޔާގެ އެންމެ މުޙިއްމު ލަނޑުދަނޑިއަކީ ދޮންބާސްގެ މިނިވަންކަން ޔަޤީންކުރުންކަމަށާއި އެ ސަރަޙައްދުން ޔޫކްރެއިނުގެ ސިފައިން ފަހަތަށް ޖެއްސުންކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ޔޫކްރެއިނަށް ޙަމަލާދިނުމަށް ޢަމުރުކުރެއްވުމުގެ ކުރިން ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންވަނީ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރައްވައި ޤަރާރެއްގައި ސޮއިކުރައްވައިފައެވެ. އެއާއެކު ޔޫކްރެއިނުގެ އެންމެ ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ދޮންބާސްގެ ދޮންޔެސްކާއި ލުހާންސްކުގެ ދަޢުލަތްތަކުންވަނީ ޔޫކްރެއިނުގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް ރަޝިޔާގެ އެހީތެރިކަމަށް އެދިފައެވެ. އދން ބުނެފައިވާ ގޮތުގައި ފާއިތުވި އަށް އަހަރުގެ ތެރޭގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ދޮންބާސަށް ދިން ޙަމަލާތަކުގައި 13،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ހަނގުރާމައިގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދޮންބާސްގެ މިނިވަންކަން ޔަޤީންކުރުންކަމަށެވެ. އެ ގޮތުން ދޮންޔެސްކުގެ %54އާއި ލުހާންސްކުގެ %93 އޮތީ ދޮންބާސްގެ މިނިވަންކަމަށް ހަނގުރާމަކުރާ ޖަމާޢަތްތަކުގެ ބާރުގެ ދަށުގައިކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި ދޮންބާސްގެ މިނިވަންކަން ޔަޤީންކުރުމަށް އިސްކަންދިން ނަމަވެސް ޔޫކްރެއިނުގެ އެހެން ސަރަޙައްދުތަކަށް ޙަމަލާދިނުން ރަޝިޔާގެ ފައުޖުތަކުން ހުއްޓާނުލާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ އިތުރުން ރަޝިޔާއިން ޔޫކްރެއިނު އިސްތިޢުމާރުކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި ރަޝިޔާގެ ފައުޖުތައް ޔޫކްރެއިނުން ފައިބާނީ އަސްކަރީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްފަހުކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ހަނގުރާމަ ހުއްޓާލައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޔޫކްރެއިނާއެކު ކުރަމުންދާ މަޝްވަރާތަކުގައި ދޮންބާސްގެ މިނިވަންކަން ޤަބޫލުކުރުމުގެ އިތުރުން 2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށްގެންދިޔަ ޔޫކްރެއިނުގެ ކުރިމިޔާއަކީ ރަޝިޔާގެ ބައެއްކަމަށް ބަލައިގަތުމަށްވަނީ ޝަރުތުކޮށްފައެވެ.

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ރަޝިޔާގެ 1.351 ސިފައިން މަރުވެފައިވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. އަދި ރަޝިޔާގެ ޙަމަލާތަކުގައި ޔޫކްރެއިނުގެ ޢާއްމުންގެ 1,081 މީހުން މަރުވެފައިވާކަމަށް އދންވަނީ ބުނެފައެވެ.