ޚަބަރު

ބިންގަރާހެއްގައި ރައްކާކޮށްފައިހުރި 40 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފި


ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން 42 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތި ފެނިފައިވަނީ މާފަންނުގައި ހުރި ގެއެއްގެ ތަޅުންގަނޑުގައި ވަޅުލާފައި ހުއްޓާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެތަން ތަޅާލައިގެންކަމަށް ސީޕީ ވިދާޅުވިއެވެ.


ފުލުހުން ބުނީ މިމަސްތުވާތަކެތި ފޮރުވުމަށްޓަގައި އެގޭތެރޭގެ ބިމު އަޑީގައި ވަޅެއް ކޮނެ އޭގެ މަތީގައި ސިމެންތި އެޅުމަށްފަހު މުށިވެސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން މިތަން ހޯދާ ތަޅާލުމަށްފަހު އޭގެ ތެރޭގައި ހުރި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަތުލައިގަނެވުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާއާ ގުޅިގެން އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި އާދިއްތަ ދުވަހުގެ ރޭވެސްވަނީ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ދަނީ ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. މިގޮތަށް ހިންގާ އޮޕަރޭޝަންތަކުގައި ކަނޑުމަތިންނާއި ވައިގެމަގުންވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.