ޚަބަރު

ދިރާގުގެ ހިއްސާއަކަށް 6.20 ރުފިޔާ ބަހަން ފާސްކޮށްފި


ދިރާގުގެ ހިއްސާއަކަށް 6.20 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

ދިރާގުގެ 33ވަނަ އަހަރީ ޢާންމު ޖަލްސާ އޮތީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިއަހަރުގެ ޖަލްސާ ބާއްވާފައިވަނީ 'ހައިބްރިޑް' މޮޑަލްއަކަށެވެ. މިދިޔަ ދެ އަހަރެކޭވެސް އެއްފަދައިން މި އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވޯޓު ނަގާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

ދިރާގުން ބޭއްވި 33 ވަނަ އަހަރީ ޢާންމު ޖަލްސާގައި 85 ޙިއްސާދާރުންނާއެކު 71,369,648 ޙިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ފަސް(5) ރިޒޮލިއުޝަނެއް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.

ކުންފުނީގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 6.20 ރުފިޔާ ބެހުމަށް މިޖަލްސާގައިވަނީ ނިންމާފައެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 33 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑާއި 2022 ވަނަ އަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވާ ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. 2021 ވަނަ އަހަރުގެ ޑިވިޑެންޑަކީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 1.03 ރުފިޔާ މަދުއަދަދެކެވެ.

2021 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު، %1.8 އިންސައްތަ މަތީ އަދަދެކެވެ. ކުންފުނީގެ މުހިންމު ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފިކްސްޑް ބުރޯޑްބޭންޑް އަދި އެންޓަޕްރައިޒް ޚިދުމަތުންނެވެ. މި ކުރިއެރުން ލިބިފައިވަނީ ރާއްޖޭގެ އިޤްތިޞާދު ހީނަރުކަމުން އަރައިގަތުމުގެ ދަތުރު ފަށާފައިވުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވަމުން އައުމުގެ ސަބަބުންނެވެ. 2021 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު %11 މަތީ އަދަދެކެވެ.

އަހަރީ އާއްމު ޖަލްސާގައި، އާންމު ޙިއްޞާދާރުން ތަމްސީލުކުރުމަށް 84 ވޯޓާއެކު، ޢަހްމަދު މުޙައްމަދު ދީދީ ވަނީ އާ ޕަބްލިކް ޑިރެކްޓަރުގެ ގޮތުގައި ބޯޑަށް އައްޔަންކޮށްފައެވެ.

ދިރާގުން ހާމަކުރާގޮތުގައި ކޯވިޑުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްފަހު 2021 ވަނަ އަހަރު ވެގެންދިޔައީ ރިކަވަރީގެ އަހަރަކަށެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށާއި، ޑިޖިޓަލް ހަމަހަމަކަން ކުރިއަރުވާ، ޑިޖިޓަލް ފަރަގު ނައްތާލަން ގިނަ މަސައްކަތްތަކަކާއި އިންވެސްޓްމެންޓުތަކެއްވަނީ ކުރެވިފައެވެ. ގޭބިސީތަކަށް ދޭ އިންޓަރނެޓްގެ ޚިދުމަތާއި މޯބައިލް ޑޭޓާގެ އަގު ހެޔޮކުރުމަށް ސަރުކާރުން ފަށާފައިވާ "ނެޓްހެޔޮ" ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބްރޯޑްބޭންޑް އަދި މޯބައިލް ޑޭޓާ ޕޯޓްފޯލިއޯއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ދިރާގުން ހާމަކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މާލީ ހާލަތުވަނީ ރަނގަޅުވެފައި ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ޚިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، 2021 ވަނަ އަހަރު ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއްހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުންވަނީ ފަށާފައެވެ. ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމަށް ދިރާގުން ދެކެއެވެ.