ކުޅިވަރު

ރާއްޖެ ބަންގްބަންދް ގޯލްޑްކަޕް ސެމީއަށް


ބަނގްލަދޭޝްގެ އޮލިމްޕިކް ޓީމް ބަލިކޮށް، ބަންގްބަންދް ގޯލްޑްކަޕް ސެމީފައިނަލުން ރާއްޖޭގެ ޓީމް ޖާގަ ހޯދައިފިއެވެ. ބަނގްލަދޭޝްގެ ފެޑެރޭޝަނުން ކުރިއަށްގެންދާ މުބާރާތުގެ ސެމީފައިނަލްގެ ޖާގަ ރާއްޖޭގެ ޤައުމީ ޓީމް ކަށަވަރުކުރީ ދާދި ދެންމެ ބަނގްލަދޭޝް އޮލިމްޕިކް ޓީމް 2-0 ން ބަލިކޮށްގެންނެވެ.މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ މެޗުގައި މޮޅަށް ކުޅުނު އިސްމާއީލް އީސާއެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައިވެސް ގޯލެއް ޖަހާފައެވެ. ދެވަނަ ލަނޑު އިސްމާއީލް އީސާ ދިން ބޯޅައަކުން ކާމިޔާބުކުރީ އަހުމަދު އިމާޒުއެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ރާއްޖޭގެ ޒުވާން ކުޅުންތެރިން ތަނަވަސްކުރިއެވެ.މުބާރާތުގެ ސެމީފައިނަލުން ރާއްޖެ ޖާގަ ހޯދިއިރު ގްރޫޕް ސްޓޭޖްގައި ބާކީ އެއް މެޗު އެބައޮތެވެ. އެއީ ބަހުރެއިންއާއި ވާދަކުރާ މެޗެވެ. ބަހުރެއިންއާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެމެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 2:00 ގައެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރުވާނީ އެމެޗުންނެވެ.