ޚަބަރު

އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފި


އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާފައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.

ސަރުކާރުން މި އިންތިޒާމް ހަމަޖައްސާފައި މިވަނީ އަންގާރަދުވަހުގެރޭ ބޭއްވި އަންހެނުންގެ ދުވަހުގެ ޖަލްސާގައި އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމާ ގުޅޭގޮތުންހުރި އުނދަގޫތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ފާހަގަކުރެއްވުމުންނެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގައި ހަމައެކަނި ފިރިހެނުންގެ ނަޒަރިއްޔާތައް ރިއާޔަތްކުރުމުގެ ބަދަލުގައި، ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމަށް ޙަޤީޤީ ޙައްލެއް ހޯދުން ދަތިވާނެތީ ކަމުގައި ވިދާޅުވެފައެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ރަމަޞާންމަހަށް ވަމުންދާ ތައްޔާރީތަކުގައި، މިސްކިތްތައް އާބާތުރަފިލުވާ އިންތިޒާމްތައް ހަމަޖެއްސުމުގައިވެސް އަންހެނުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން މިފަދަ ކަމެއްގައި އަންހެނުންގެ ޚިޔާލަށް އަހަފިި ނަމަ، މިވަގުތަށް އެންމެ ބޭނުންކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާނީ، އެންމެ ގިނަ ބަޔަކު ނަމާދަށް އަރާ އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަތީ ފަންގިފިލާތަކަށް އެރުމަށް ދަތިވާ އަންހެނުންނަށް، މިސްކިތުގެ އެންމެ ތިރީ ބައިގައި ނަމާދު ކުރެވޭނެ އިންތިޒާމެއް ހޯދައިދިނުމަށް ގިނަ ބަޔަކު އެދޭކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް، ރަމަޞާންމަހު އަންހެނުންނަށް ނަމާދުކުރެވޭނެ ޚާއްސަ ބައެއް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސުމަށް ނިންމާފައިވަނީ ދެވަނަ ފަންގިފިލާއަށް އެރުމުގައި އުނދަގޫތައް ހުރި މީހުންނަށްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ އިންތިޒާމްތައް ހަމަޖެއްސި ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފްލޯރއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރުންކަމަަށެވެ. އަދި އެފަދަ މީހުން ގްރައުންޑް ފްލޯރ ބޭނުންކުރާނަމަ، ދެ ވަނަ ފްލޯރ އަށް އެރުމަށް ދަތިތަކާއި ދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ މިކަން ކުރުމުގެ މަޤްޞަދު ގެއްލޭނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތައް އާބާތުރަފިލުމުގެ މަސައަކަތްތައް މާލެއާއި އަތޮޅުތަކުގައިވެސް ގެންދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމާއި، މިސްކިތްތައް އާ ކުރުމާއި އަދި މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރުމުގެ ޖާގަތައް ހެދުންފަދަ މަސައްކަތްތައް ސަރުކާރުން ދަނީ ކުރިއަށްގެންދަވަމުންނެވެ.