ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންގެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ''ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް'' ފެށުމަށް މުޅި ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ.
މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައްޓެރި ފުލުހުންގެ ތަމްރީނުވަނީ ދީފައެވެ. އަދި މިތަމްރީނުތަކުގެ ތެރެއިން، އެ ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކާއި ބައްދަލުކޮށް އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ މައުލޫމާތުދީފައިވެއެވެ. އެގޮތުން، އަވައްޓެރި ފުލުހުންގެ ޚިދުމަތް ހިނގާނެގޮތާއި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި އެކި ފަރާތްތަކުގެ ދައުރާއި ކުށްމަދު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންގެ ޚިދުމަތުގައި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް، އަވައްޓެރި ފުލުހުންގެ މަސައްކަތާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވެއެވެ. އަވައްޓެރި ފުލުހުންގެ މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ސޮފްޓްވެއަރއެއް ބޭނުންކޮށްގެންނެވެ.
އިތުބާރުދީ އެ އިތުބާރު ދަމަހައްޓައި، އިހުތިރާމާއެކު އެކުގައި ގުޅިގެން ދެވޭ ޚިދުމަތަކުން އަމާން ރައްކާތެރި އަދި ރައްކާތެރިކަން އިހުސާސްވާ މުޖުތަމައެއް ބިނާކޮށްދިނުން މައިގަނޑު އަސާސް ކަމުގައި ކަނޑައެޅިގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމަށް މި ގެނެވުނު ބަދަލުގެ އަމާޒަކީ ކުށަށް ހުށަހެޅެން ހުންނަ ކަންކަން ދުރާލާ ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން އެކުގައި މަސައްކަތްކުރުންކަމަށް ފުލުހުން ވިދާޅުވެއެވެ.
މުޖުތަމައުތައް ނުވަތަ ރަށްރަށް ބައިބަޔަށް ނުވަތަ ނެއިބަހުޑްތަކަށް ބަހައި، އެ ނެއިބަހުޑް ތަކަށް މަސްއޫލުވާ ފުލުހުން ކަނޑައަޅައިގެން ޚިތުމަތް ދިނުމުގެ ވައްޓަފާޅިއަށް މި ގެނެވޭ ބަދަލުގެ ބޭނުމަކީ ރައްޔިތުންނާއި ފުލުހުންނާ މެދު ފަސޭހައިން މުއާމަލާތު ކުރެވޭނެ ފަދަ ފާލަމެއް އެޅުމާއި، ރައްޔިތުންނާ ގާތުން ހަމަހަމަކޮށް އަދި ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ލިބިދޭނެ، ސީދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް ތަރުތީބުކޮށްގެން ފޯރުކޮށްފެވޭ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުމެވެ.
ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް'' މި މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑޫ ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީ އެއްގައި ހިމެނޭ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑެލް އެކެވެ.
މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ރަޝްވާން އާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއެވެ.