ޚަބަރު

އެމްޕީއެލް ހުޅުމާލެ ޓަރމިނަލް ބޮޑުކުރުމަށް ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އެމްޕީއެލް ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ކޮންޓެއިނަރ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި، އެޗްޑީސީއާއެކު ސޮއިކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން، އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓާއި އިންވެގެން އޮންނަ ބިން ލިބުމުން މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލުލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދު، ހުސް ކޮންޓެއިނަރ ބެހެއްޓުމަށް ބޭނުން ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަލަށް ލިބުނު ބިމަކީ 120،000 އަކަ ފޫޓަށް ވުރެން ބޮޑު ބިމެއް ކަމަށާއި، 2000 ވުރެ ގިނަ ކޮންޓެއިނަރ މިތަނުގައި ބެހެއްޓޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ކޮންޓެއިނަރ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ލިބުމުން، ކެޕޭސިޓީ އިތުރުވުމުގެ އިތުރަށް، "އޮޕަރޭޝަން ކެޕޭސިޓީ" ރަނގަޅުވެގެންދާނެ ކަމަށްވެސް އެމްޕީއއެލްއިން ބުނެއެވެ.

ރޯދަ މަހަކީ ކުންފުނީގެ މަސައްކަތުގައި ބާރުބޮޑު އަދި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދުވެސް އިތުރުވެގެންދާ މައްސަރަކަށް ވުމާއި އެކު، މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މައި ޕޯޓު (މާލެ ކޮމާރޝަލް ހާބަރ)ގައި ކޮންޓެއިނަރ ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ އެކުންފުނީގެ އަމާޒަކީ، ބޯޓުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް މުދާ އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.