ކުޅިވަރު

ތިމަރަފުށި، އޭދަފުށި، ކުޑަހުވަދޫ، ގާފަރު އަދި ދުވާފަރު ކުއާޓާއަށް


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކާމިޔާބުކޮށް، ބ. އޭދަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަދަ 16 ގެ މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ވަނީ ފަހަތުން އަރާ އއ. މަތިވެރި 6-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މަތިވެރިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާ ތިމަރަފުށި ހާސްކޮށްލައިފައެވެ. އެކަމަކު ދެވަނަ ހާފުގައި ތިމަރަފުށިން ތަފާތު ރޫހެއްގައި ނުކުމެވަނީ ހަތް މިނެޓުތެރޭގައި ތިން ލަނޑު ޖަހައިފައެވެ. އަދި އިތުރު ތިން ލަނޑު ޖަހާ ތިމަރަފުށިން ވަނީ އެޓީމުގެ ފެންވަރު ދައްކާލައިފައެވެ.

މި މުބާރާތުގައި ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ފެންނަ ދުވާފަރުން ވަނީ ފަސޭހަކަމާއެކު ފޭދޫގެ މައްޗަށް 7-0 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. ރޭގެ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވި މެޗަކީ ކުޑަހުވަދޫ އާއި އިހަވަންދޫ ބައްދަލުކުރި މެޗެވެ. މި މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ.

ކުޑަހުވަދޫ އާއި އިހަވަންދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކުޑަހުވަދޫން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އިހަވަންދޫ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.

ކުއާޓާއިން އޭދަފުށި ޖާގަ ހޯދީ ގދ. ވާދޫ 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ކުއާޓާ ފައިނަލުގައި ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭނެ އޭދަފުށިން ރޭ ވާދޫ ބަލިކުރީ މޮޅަށް ކުޅެގެންނެވެ. މި މެޗުގައި އޭދަފުށްޓައް 12 ވަނަ މިނިޓްގައި މުހައްމަދު ފާސިރު (ފާއްޓޭ) ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފާއްޓޭ ތަނަވަސްކުރި އެޓޭކެއްގައި ހަމްދާން އަބްދުލް ސައްތާރު ވަނީ އިތުރު ލަނޑެއް ޖަހާ ލީޑުފުޅާކޮށްފައެވެ. ދެ ގޯލުގެ ލީޑަކާ އެއްކޮށް، އޭދަފުށި ކުރީގައި އޮއްވައި، ވާދޫ އަށް އުންމީދެއް ހޯދައިިދިނީ އަޔާޒް އަހުމަދު ޖެހި ހިލޭޖެހުމަކުންނެވެ. ނަތީޖާ ހަމަހަމަކުރަން ވާދޫން ފޮނުވާލި ގިނަ ބޯޅަތަކެއް އޭދަފުށީގެ ކީޕަރު އަލީ އަޖްފާން އަމްޖަދު މަތަކުރިއެވެ.

ވާދޫން ކުރިއަށްޖެހި އޭދަފުށީކޮޅަށް ލަނޑެއްޖަހަން މަސައްކަތްކުރި ދަނޑިވަޅު އޭދަފުށިން ވަނީ ކައުންޓާގައި އަރާ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްދާންއެވެ.
ގާފަރު ކުއާޓާގެ ޖާގަ ކަށަވަރު ކުރީ ގއ. ކޮނޑޭ އާއި ވާދަކޮށް ވާދަވެރި މެޗަކަށް ފަހު 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމު 1-1 އިން އެއްވަރުވެފައި ވަނިކޮން ގާފަރުން ކުރި ހޯދީ ދެވަނަ ހާފްގައި ކާމިޔާބު ކުރި ލަނޑުންނެވެ.