ކުޅިވަރު

ވެސްޓްހަމުން ރައިސްގެ އަގު 150 މިލިއަންއަށް ބޮޑުކޮއްފި


ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް މި ސީޒަނަށް ފަހު 150 މިލިއަން ޕައުންޑުގެ ރެކޯޑް ޓްރާންސްފާ ފީ އަކަށް ވިއްކާލަން ތައްޔާރު ވެއްޖެ އެވެ.

ވެސްޓް ހޭމްއާ އެކު ރައިސް ހަދާފަވާ ކޮންޓްރެކްޓުގައި އަދި ދެ ސީޒަން ބާކީ އެބަ އޮތެވެ. މީގެ އިތުރުން، އިތުރު އަހަރަކަށް ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް އޭނާ ވަނީ ވެސްޓް ހޭމްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. ރައިސް އަކީ އިނގިރޭސި މަތީ ފަންތީގެ ކުލަބުތަކުން ފާރަލަމުންދާ ކުޅުންތެރިއެކެވެ. އޭނާ ވެސް ވަނީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕައުލް ޕޮގްބާ ޓީމު ދޫކޮށްލަން ނިންމާފައިވުމުން ޔުނައިޓެޑުން ވެސް އަންނަނީ އެތަން ފޫބައްދަން ރައިސް ހޯދަން މަސައްކަތް ކުރަމުންނެވެ. މިއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި މެންޗެސްޓާ ސިޓީން އެސްޓަން ވިލާގެ ޖެކް ގްރީލިޝް ގަންނަން ހަރަދުކުރި ރެކޯޑް އަދަދު، 100 މިލިއަނަށް ވުރެ ބޮޑު އަދަދެކެވެ. ގްރީލިޝް އަކީ މިހާތަނަށް އެންމެ ބޮޑު އަގުގައި ކުލަބް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާ އެވެ.

ޗެލްސީ އާއި ވެސްޓް ހޭމްގެ އެކަޑަމީން ތަމްރީނުވެގެން ވެސްޓް ހޭމްގައި ސީނިއާ ފުޓުބޯޅަ ކުޅެން ފެށި ރައިސް އަކީ މިހާރު އެ ޓީމުގެ ވައިސް ކެޕްޓަނެވެ.

މި ސީޒަނުގައި ގިނަ މެޗުތަކުގެ ވެސްޓްހޭމްގެ ކެޕްޓަނުގެ ޒިންމާ ނަގަނީވެސް ރައިސްއެވެ.