ޚަބަރު

ބޭންކް އޮފް ސިލޯންގައި ހުރި ބޭނުންނުކުރާ ގިނަ ދުވަސްވީ އެކައުންޓުތައް އުވާލަނީ


ރާއްޖޭގައި ހިންގާ ބޭންކް އޮފް ސިލޯނުގެ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ބޭނުންނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ 190 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފިއެވެ.

ބޭންކު އޮފް ސިލޯނުން ބުނީ ޑޯމަންޑް އެކައުންޓްތައް ނުވަތަ މުޢާމަލާތް ނުކުރާ އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގާފައިވާނެކަމަށާއި އެ އެކައުންޓްތައް އުވާލުމުގެ ކުރިން އެކްޓިވޭޓްކުރަން ބޭނުންނަމަ އެބޭންކަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެކައުންޓުތައް އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން މޭ މަހުގެ 31ވަނަ ދުވަހުގެ ކުރިން، ބޭންކަށް ދީފައިވާ މައުލޫމާތު އަޕްޑޭޓު ކުރުމަށްފަހު، އެކައުންޓުން ފައިސާގެ މުޢާމަލާތެއް ކުރަން އެ ބޭންކުން ވަނީ އެދިފައެވެ.

ރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ވިދި ވިދިގެން 5 އަހަރުދުވަސް ވަންދެން އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓުން އެއްވެސް މުޢާމާލާތެއް ކޮށްފައިނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާޢަތުތައް ފުރިހަމަކުރުމަށްފަހު އެ އެކައުންޓް އުވާލެވިދާނެކަމަށެވެ. އަދި މިޙާލަތުގައި އެފަދަ އެކައުންޓެއްގައިވާ ޑިޕޮސިޓް ފައިސާ އެމް.އެމް.އޭގައި އޮންނަ ޚާއްޞަ އެކައުންޓެއްގައި ބެހެއްޓުމަށްޓަކައި އެމް.އެމް.އޭއާ ހަވާލުކުރަންޖެހޭނެ ކަމަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.