ކުޅިވަރު

ބަޔާން ލޭޑީސްގެ މައްޗަށް ޕީއެސްޖީ ފެމިނީސް އިން ކުރިހޯދައިފި


ޔުއޭފާ ވިމެނއސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގްގައި އެފްސީ ބަޔާން މިޔުނިކް ލޭޑީޒް އާއި ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) ފެމިނީންސް ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗު ޕީއެސްޖީ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. އެކަމަކު އެޓީމަށް މިމެޗުގައި ޕީއެސްޖީގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.
މި ސީޒަނުގައި ވަރުގަދަކޮށް ފެނިގެންދާ ޕީއެސްޖީ އިން މި މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް މިސީޒަނުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ މާރީ އެންޓޮއިނޭޓް ކަޓޯޓޯއެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖަހާދިނީވެސް ކަޓޯޓޯއެވެ. މި މެޗުގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކްލާރާ ބުއެލްއެވެ. މިލަނޑާއެކު ބަޔޭންއަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ނަމަވެސް އިތުރު ލަނޑެއް ޖެހޭނެ ވަގުތެއް އެޓީމަކަށް ލިބިގެނެއް ނުދިޔަ އެވެ.

މި ކާމިޔާބީއާއެކު ޕީއެސްޖީއަށް މިވަނީ މި މަހުގެ 30 ވަނަ ދުވަހު ދެވަނަ ލެގަށް އަމިއްލަ ދަނޑުގައި ނިކުންނައިރު އެޑްވާންޓޭޖު ލިބިގެން ގޮސްފައެވެ. މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ޕީއެސްޖީގެ މައްޗަށް ކުރި ހޯދަން ދެވަނަ ލެގްގައި ބަޔާން ބޭނުންނަމަ 2 ލަނޑުގެ ތަފާތުން އެ މެޗް ބަޔާން ކާމިޔާބުކުރަން ޖެހޭނެއެވެ.