ކުޅިވަރު

އަނިޔާގެ ސަބަބުން ނަޑާލް ހަ ހަފްތާއަށް ކުޅުމާއި ދުރަށް


ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލްއަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

އޭނާއަށް އަނިޔާ ވެފައިވަނީ އިންޑިއަން ވެލްސް ސެމީ ފައިނަލުގައި ކާލޯސް އަލްކަރާޒް އާއި ބައްދަލުކޮށް މޮޅުވި މެޗުގައެވެ.

މި އަނިޔާގެ ސަބަބުން އޭނާއަށް އެ މުބާރާތުގެ ފައިނަލުގައި މާ ރަނގަޅަށް ކުޅެވިފައެއް ވެސް ނުވެއެވެ. އަދި އެ މެޗަށްފަހު އޭނާވަނީ ކުޅުނު އިރު ނޭވާ ލާންވެސް އުނދަގޫވި ކަމަށް ބުނެފައެވެ. މި އަނިޔާގެ ސަބަބުން އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ކްލޭ ކޯޓްގެ ދެ އިވެންޓް ކަމަށްވާ މޮންޓެ ކާލޯ އާއި ބާސެލޯނާ މުބާރާތުގައި ނަޑާލްއަކަށް ނުކުޅެވޭނެއެވެ. ކްލޭ ކޯޓް ކިންގްގެ ނަމުން މަޝްހޫރ ވެފައިވާ ނަޑާލްއަށް މެއި މަހުގެ 22 ގައި ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަންއަށް ފިޓް ވެދާނެކަމާމެދުވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

މި ސީޒަނުގައި ނަޑާލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް އެންމެ ގިނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިޔާގެ ޝަރަފް ނަޑާލަށް ވަނީ ލިބިފައެވެ.