ކުޅިވަރު

ފަހަތުން އަރާ ބާސެލޯނާ ފެމެނީނޯއިން ރެއާލް ފެމެނީނޯ ބަލިކޮށްފި


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފެމެނީނޯ އިން ފަހަތުން އަރާ ރެއާލް މެޑްރިޑް ފެމެނީނޯ ބަލިކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު ބާސާ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބާސާއިންނެވެ. ނަމަވެސް މިމެޗުގައި ފެށުން ރަނގަޅު ވެގެންދޔައީ ރެއާލްގެއެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ރެއާލްގެ އޮޕްގާ ކާމޯނާ ވަނީ ލަނޑެއް ޖަހާ ބާސާ ހާސްކޮށްލާފައެވެ.

މި މެޗުގައި ބާސާއިން އެއްވަރު ކުރީ މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އެލެކްސިސް ޕުޓެޔާސްއެވެ. އަދި މިމެޗުގައި ބާސާއިން ލީޑު ނަގާފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ކްލައުޑިއާ ޕީނާ ޖަހާދިން ލަނޑުންނެވެ. އަދި މެޗް ނިމެނިކޮށް ބާސާއަށް ދެ ލަނޑުގެ ލީޑެއް ނަގާދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޕުޓެޔާސްއެވެ.

މި މޮޅާއެކު ދެވަނަ ލެގަށް ނިކުންނައިރު ބާސާއަށް މިވަނީ ކުރި ލިބިގެން ގޮސްފައެވެ. އަދި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ބާސާގެ ދަނޑުގައި ކަމުން އެންމެ ފަހުގެ ޗެމްޕިއަނުންނަށް އެޑްވާންޓޭޖް އޮތް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ. މީގެއިތުރުން ބާސާގެ ނިއު ކޭމްޕްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗްގެ 70 ހާސް ޓިކެޓް ވިކިފައިވާތީ މިމެޗްގެ ފޯރި ވަރަށް ގަދަވެގެން ދާނެކަމަށް ބެލެވެއެވެ.