ޚަބަރު

ސަރުކާރު މުވައްޒަފުންނަށް ހޯމަދުވަހު ރޯދަ އިނާޔަތް ދޭނެ


ސަރުކާރު މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާޔަތް އަންނަ ހޯމަދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ވަޒީފާއާބެހޭ ޤާނޫނުގައިވާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ ހޯމަދުވަހުކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ. އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް އަންގާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާރކިއުލަރގައިވެއެވެ. އަދި އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޟާންމަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވާ އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދާ އެ ފައިސާ ދައުލަތަށް ނަގަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާރކިއުލަރގައިވެއެވެ.