ކުޅިވަރު

ކްރިކެޓް ކުޅުންތެރިންގެ ހުނަރަށް ޝުރޭޝް ރަނާގެ ތައުރީފް


ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރަށް ޝުރޭޝް ރަނާ ތައުރީފުކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 އަށް ރާއްޖެ އައި ޝުރޭޝް ވަނީ އަންގާރަ ދުވަހު ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީ މެމްބަރުންނާއެކު އެކުވެނި އިންޑޯ ކޯޓުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވެސް ބައިވެރިވެވަޑައިގަތެވެ.

ޝުރޭޝް ވަނީ ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު އެބަހުރި ކަމަށާއި، ޚާއްސަކޮށް ބެޓްސްމަނުންނާއި ބޯލަރުންގެ ހުނަރަށް ޝުރޭޝް ވަނީ ތައުރީފްކޮށްފައެވެ. އަދި އެކުވެނި އިންޑޯ ކޯޓުގެ ފެންވަރު ރަނގަޅުކަންވެސް ޝުރޭޝް ވަނީ ފާހަގަކޮށްފައެވެ. އެކަމަކު ކްރިކެޓް މުބާރާތްތައް ބާއްވަމުން އަންނަ އެކުވެނީގައި ސިންތެޓިކް ޓްރެކެއް އޮތުމުން ކުޅުންތެރިންނަށް އެކަމުގައި އުނދަގޫތަކެއް ދިމާވާނެކަން ޝުރޭޝް ވަނީ ފާހަގަކޮށްފައެވެ.

ޝުރޭޝް ބުނީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އޭނާގެ އެހީ ލިބިގެންދާނެ ކަމަށެވެ. އަދި ކްރިކެޓް ކުޅުންތެރިންނަށް ކުރިއަށް އޮތްތަނުގައި ފުރުސަތު ހޯދައިދޭނެ ކަމަށްވެސް ޝުރޭޝް ވަނީ ބުނެފައެވެ. އަދި މި ބައްދަލުވުމުގައި ޝުރޭޝް ވަނީ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަމުގެ އިރުޝާދު ދީފައެވެ.