ޙަމަލާބަދަލުކުރުން ހުއްޓާލައި ދާޢިމީ ޞުލްޙައިގެ އެއްބަސްވުމެއްގައި ޔޫކްރެއިނުން ސޮއިކުރާނީ ޢާއްމު ފެންނަނުފެންނަ ވޯޓަކަށްފަހުކަމަށް އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުން އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާކަން ދޭހަވާ މޭރަމަކުން ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އެއްވެސް އެއްބަސްވުމެއްގައި އެ ޤައުމުން ސޮއިކުރާނީ މުޅި ޤައުމުގެ ވިސްނުން ބެލުމަށްފަހުކަމަށެވެ. އަދި މަޝްވަރާތަކުގައި ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތައް ދިނުމަށް ރަޝިޔާއިން އެދިފައިވާކަމަށާއި އެ ޤައުމުން އެފަދަ ކަމަށް އެއްބަސްވާނީ ޢާއްމުންގެ ތާޢީދާއެކުކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ކުރަމުންދާ މަޝްވަރާތަކުގައި ރަޝިޔާއިންވަނީ އެ ޤައުމުގެ ބާރުގެ ދަށަށް 2014ވަނަ އަހަރުގެ ތެރޭގައި ގެނެސްފައިވާ ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މުޙިއްމު ސަރަޙައްދެއްކަމަށްވާ ކުރިމިޔާގެ މިލްކުވެރިކަމަށް ދަޢުވާނުކުރުމަށާއި އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރުމަށް އެދިފައެވެ. ނަމަވެސް މީގެ ކުރިން ޒެލެންސްކީ ވިދާޅުވެފައިވަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން ޔޫކްރެއިނުން އެއްވެސް ސަރަޙައްދެއް ދޫކޮށްނުލާނެކަމަށެވެ. އޭގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި މިނިވަން ޤައުމެއްގެ ގޮތުގައި ޔޫކްރެއިނު އޮތުމަށްވެސް ރަޝިޔާއިންވަނީ ހުށަހަޅައިފައެވެ. މީގެ ކުރިން ޒެލެންސްކީ ދެއްކެވި ވާހަކަތަކުން އެއީ ޔޫކްރެއިނަށް އެއްބަސްވެވިދާނެ ކަމެއްގެ ގޮތުގައި އޭނާވަނީ ވިދާޅުވެފައެވެ.
ޙަމަލާބަދަލުކުރުން ހުއްޓާލައި ދާޢިމީ ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާކުރި ނަމަވެސް ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާނެކަމަށް ރަޝިޔާއިންވަނީ ބުނެފައެވެ. އެ ޤައުމުން ބުނާ ގޮތުގައި މަޝްވަރާކުރުމަށް ފުރުޞަތުދިނުމަށް ޙަމަލާބަދަލުކުރުން ހުއްޓާލައި ކޮންމެ ފަހަރަކު ޔޫކްރެއިނުން އޭގެ ނާޖާއިޒު ފައިދާ ނަގައި ރައްދުގައި ޙަމަލާދޭން ތައްޔާރުވެއެވެ. އެހެންކަމުން އެއްބަސްވުމަކާ ހަމައަށް އާދެވެންދެން ޔޫކްރެއިނަށް ޙަމަލާދިނުން ހުއްޓާނުލާން ރަޝިޔާއިންވަނީ ނިންމައިފައެވެ.