ޚަބަރު

ރަޝިޔާގެ ޝަރުތުތަކަށް ބޯލަނބަން ޔޫކްރެއިނުން ދެކޮޅުހަދަނީ


ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ރަޝިޔާއިން ކުރިމަތިކުރާ ޝަރުތުތަކަށް ބޯނުލަނބާނެކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މެރިއުޕޮލް ދިފާޢުކުރުން ހުއްޓާލައި ރަޝިޔާގެ ފައުޖުތަކާ އެ ރަށް ޙަވާޅުކޮށް އެތައް ސަތޭކަހާސް ޢާއްމުން އެ ސަރަޙައްދު ދޫކޮށް ދިޔުމުގެ ފުރުޞަތު ފަހިކުރުމަށް ރަޝިޔާއިން މުޙުލަތެއް ދިނުމުން ޔޫކްރެއިނުގެ ސަރުކާރުންވަނީ އެ ޝަރުތުތަކަށް ބޯނުލަނބާނެކަމަށް ބުނެފައެވެ. ފާއިތުވި ދުވަސްތަކުގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ އެއް ސަރަޙައްދުކަމަށްވާ މެރިއުޕޮލް ރަޝިޔާގެ ފައުޖުތަކާ ޙަވާލުކުރުމަށް ދެކޮޅުހަދައި ޔޫކްރެއިނުން ބުނެފައިވަނީ ރަޝިޔާގެ ޝަރުތުތަކަށް ބޯނުލަނބާނެކަމަށާއި ހަތިޔާރު ބަހައްޓައި އަމާންނުދޭނެކަމަށެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ތަފާތު ތިން ސަރަޙައްދަކުން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ ސަރަހައްދުތައްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އާޒޯވު ކަނޑާއި އެ ސަރަޙައްދުގެ ބަނދަރުތައްވެސްވަނީ ރަޝިޔާގެ އަސްކަރީ ބާރުގެ ދަށަށް ގެނެސްފައެވެ. ބައި މިލިޔަން މީހުން ދިރިއުޅޭ މެރިއުޕޮލްއަކީ ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ ސަރަހައްދުތަކުން ރަޝިޔާގެ ބާރުގެ ދަށަށް ނުގެނެވޭ ހަމައެކަނި ރަށެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ އުތުރުގައި އޮންނަ ވެރިރަށް ކިޔޭވާއި އިރުމަތީގައި އޮންނަ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަރްކީވުގައިވެސް ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދެއެވެ.

ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ރަށަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޔޫކްރެއިނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން އެ ޤައުމަށްވަނީ 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ. އަދި އެ ޤައުމުގެ %50 ވިޔަފާރިތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.

44 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގައި ދިރިއުޅޭ 10 މިލިޔަން މީހުންގެ ގެދޮރުގެއްލިފައިވާކަމަށްވަނީ ބައިނަލްއަޤްވާމީ އިދާރާތަކުން ލަފާކޮށްފައެވެ.