ޚަބަރު

ވެއްޓުނު ޗައިނާ އީސްޓަންގެ މަތިންދާބޯޓުން ދަތުރުކުރި މީހުންނާއި ކަޅުފޮށި ހޯދަނީ


ވެއްޓުނު ޗައިނާ އީސްޓަންގެ މަތިންދާބޯޓުން ދަތުރުކުރި މީހުންނާއި އޭގެ ކަޅުފޮށި ހޯދުމުގެ މަސައްކަތް ޗައިނާގެ ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ އިދާރާތަކުން ފަށައިފިއެވެ.

އެމެރިކާގެ ބޮއިން ކުންފުނީގެ 800-737 މަރުކައިގެ މަތިންދާބޯޓު ވެއްޓުނީ ޗައިނާގެ ކުންމިންގުން ދަތުރުކުރަނިކޮށް އެ ޤައުމުގެ ވޫޒުހޯ ސިޓީ ކައިރިއަށެވެ. ފަރުބަދަމަތީ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓުމާއެކު އޭގައި ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. 132 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ. އަދި އެ ޚާދިޘާގައި ސަލާމަތްވި މީހުންގެ ޢަދަދެއްވެސް ނޭނގެއެވެ. އެ ޙާދިޘާއާ ގުޅޭ ޞައްޙަ މަޢުލޫމާތު ލިބޭނީ މަތިންދާބޯޓުގެ ކަޅުފޮށި ހޯދުމުންނެވެ.

ޗައިނާގެ ސަރުކާރުން ހިންގައި އެންމެ ބޮޑު ތިން އެއަރލައިނުގެ ތެރޭގައި ޗައިނާ އީސްޓަން ހިމެނެއެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ހިމެނޭހެން 248 މަންޒިލަކަށް ޗައިނާ އީސްޓަންނުން ދަތުރުކުރެއެވެ. އަދި ދުނިޔޭގެ އެންމެ ސަލާމަތީ ކަންކަން ރަނގަޅު އެއަރލައިނުތަކުގެ ތެރޭގައި ޗައިނާ އީސްޓަން ހިމެނެއެވެ. ޗައިނާ އީސްޓަންނުންނާއި އެ ކުންފުނީގެ ދަށުން ހިންގައި އިތުރު ދެ ކުންފުންޏަކުންވަނީ ބޮއިން ކުންފުނީގެ 800-737 މަރުކައިގެ މަތިންދާބޯޓުތައް އުދުހުން މަޑުޖައްސާލައިފައެވެ. އެ ތިން ކުންފުނީގައި އެ މަރުކައިގެ 225 މަތިންދާބޯޓު އޮވެއެވެ.

ސަލާމަތީ ސަބަބުތަކުގެ ސަބަބުން ބޮއިން ކުންފުނީގެ 737 މެކްސް މަރުކައިގެ މަތިންދާބޯޓުތައް އުދުހުން ދުނިޔޭގެ ހުރިހާ ޤައުމަކުންވަނީ މަނާކޮށްފައެވެ. އަދި ޗައިނާ ހިމެނެނީ އެންމެފަހުން އެ މަރުކައިގެ މަތިންދާބޯޓުތައް އުދުހުމުގެ ޙުއްދަދިން ޤައުމުތަކުގެ ތެރޭގައެވެ. 2014ވަނަ އަހަރުގެ ތެރޭގައި ގެއްލުނު މެލޭޝިޔަން އެއަރލައިންސް އެމުއެޗު370އަކީވެސް ބޮއިންގެ މަތިންދާބޯޓެކެވެ.

ޢާއްމު ގޮތެއްގައި ޗައިނާގައި ނުރައްކާތެރި ވައިގެ ޙާދިޘާތަކެއް ނުހިނގައެވެ. އެ ޤައުމުގައި އެންމެފަހުން ނުރައްކާތެރި ވައިގެ ޙާދިޘާއެއް ހިނގާފައިވަނީ 2010ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު ހެނާން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 96 މީހުންގެ ތެރެއިން 44 މީހުން މަރުވިއެވެ.