ވިޔަފާރި

"މޭޑް އިން މޯލްޑިވްސް" ލޯގޯ ތަޢާރަފްކުރަނީ


"މޭޑް އިން މޯލްޑިވްސް"ގެ ނަމުގައި ލޯގޯއެއް ވަރަށް އަވަހަށް ތަޢާރަފްކުރެވިގެންދާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.މި ލޯގޯއަކީ، މުދާ ގަންނަ ފަރާތްތަކަށް އެ މުދަލަކީ ރާއްޖޭގެ އުފެއްދުމެއްކަން ފާހަގަވާނެގޮތް ހަދާދިނުމާއި، ރާއްޖޭގެ އުފެއްދުންތަކަށް އެކަށީގެންވާ އަގު ހޯދައިދިނުމާއި ރާއްޖޭގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމުގެ މަގްޞަދުގައި ތަޢާރަފްކުރާ ލޯގޯއެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.މީގެ އިތުރުން ދިވެހި އުފެއްދުންތައް ރާއްޖޭގެ ޓުއަރިޒަމް މާރކެޓަށް އިތުރަށް ފުޅާކުރުމާއި އެކްސްޕޯޓް ކުރާ ދިވެހި އުފެއްދުންތަކަކަކީ ރާއްޖޭގެ އުފެއްދުންތަކެއްކަމުގެ ޔަޤީންކަން މި ލޯގޯގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ލިބިގެންދާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މިކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ކަނޑައެޅިގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.