ކުޅިވަރު

ނަޑާލް ބަލިކޮށް ޗެމްޕިއަންކަން ފްރިޓްޒް ހޯދައިފި


އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރަފެއަލް ނަޑާލް ބަލިކޮށް ޓޭލާ ފްރިޓްޒް ހޯދައިފިއެވެ.

ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް މި މެޗް ފްރިޓްޒް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހަތެއް ހަޔަކުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގެ ފުރަތަމަ ހަތަރު ގޭމްވެސް ގެންދިޔައީ ފްރިޓްޒްއެވެ. އަދި ނަޑާލް ފެނިގެންދިޔައީ އުނދަގޫ ތަކަކާއި ކުރިމަތިލަމުންދިޔަ ތަނެވެ. އަދި ހަތަރު ވަނަ ގޭމަށް ފަހު ނަޑާލްވަނީ ފަރުވާހޯދުމަށް ވަގުތުކޮޅެއްވެސް ނަގާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަޑާލް ހާމަކުރިގޮތުގައި އޭނާއަށް މިމެޗްގައި ނޭވާލާން އުނދަގޫތަކަކާއި ކުރިމަތިވި ކަމަށާއި ނޭވާލާއިރަށް ތަދެއް އަރަނީކަމަށް ބުނެފައިވެއެވެ. އަދި ތަދުބޮޑުވެގެން ބައެއް ފަހަރު އެނބުރުންވެސް އެރިކަމަށް އޭނާ ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ގްރޭޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް އެންމެ ގިނަ ގްރޭޑް ސްލޭމް ކަމިޔާބު ކުރި ކުޅުންތެރިޔާއަށް ނަޑާލް ވެގެންދިޔައިރު މިއަހަރު މިހާތަނަށް ކުޅުނު 22 މެޗުން ވެސް އޭނާވަނީ މޮޅުވެފައެވެ. މި މެޗްގައި ނަޑާލްއަތުން ވަނީ 34 އަންފޯސްޑް އެރާ ހެދިފައެވެ. ފްރިޓްޒްގެ މިކާމިޔާބީއާއެކު އޭނާ ވެފައިވަނީ 2001 ވަނަ އަހަރަށް ފަހު އިންޑިއަން ވެލްސް ކާމިޔާބުކުރި އެމެރިކާގެ ފުރަތަމަ ކުޅުންތެރިޔާއަށެެވެ.