ކުޅިވަރު

ޗެލްސީ ގަތުމަށް ސެންތްރިކަސްއިން ބިޑްކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބް ޗެލްސި ގަތުމަށް އިނގިރޭސިވިލާތަށް ނިސްބަތްވާ ގްލޯބަލް އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސެންތްރިކަސްއިން ބިޑް ކޮށްފިއެވެ.

ސެންތްރިކަސްއިން ބިޑް ކުރުމަށްފަހު ހާމަކޮށްފައިވާގޮތުގައި އެފާމުން ބޭނުންވަނީ އެކްލަބްގައި މިހާރުވެސް އޮތް މެނޭޖްމަންޓް އެއޮތްގޮތަށް ބާއްވާށެވެ.

ޗެލްސީގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ވަނީ އޭނާ އާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން އެކްލަބް ވިއްކާލަން ހުޅުވާލާފައެވެ. ސެންޓްރިކަސް އަކީ 29 ބިލިއަން ޕައުންޑްގެ އަގުހުރި ފާމެކެވެ. އަދި މިފާމްގައި ޗެލްސީގެ ސީޒަން ޓިކެޓް ނަގާފައިވާ ވަރަށް ގިނަ ފަރާތްތަށް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

ސެންޓްރިކަސްގެ އިތުރުން އިތުރު ހަތަރު ކޮންސޯޓިއަމް އަކުންވެސް ޗެލްސީ ގަތުމަށް ބިޑް ހުށަހަޅަފައިވާކަމަށްވެއެވެ. މީގެތެރޭގައި ސާ މާޓިން ބްރޯޓަން އާއި ލޯޑް ކޯއި ހިމެނޭ ގްރޫޕަކާއި އިނގިރޭސި ޕްރޮޕާޓީ އިންވެސްޓަރެއް ކަމަށްވާ ނިކް ކެންޑީ ހިމެނެއެވެ. ކެންޑީ ވަނީ އޭނާ މިހާރު ހުށަހަޅާފައިވާ 2 ބިލިއަން ޕައުންޑްގެ ބިޑް އަލުން ބޮޑުވެސް ކޮށްފައެވެ. މީގެއެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ދެކުނު ކޮރެއާގެ ބޮޑު ކުންފުންޏަކުން އޭނާގެ ބިޑުގައި ބައިވެރިވުމުންނެވެ.

މީގެއިތުރުން އެމެރިކާގެ ރިކެޓް އާއިލާ އާއި ސައުދީ އަރަބިއާގެ ސައުދީ މީޑިއާ ގްރޫޕުންވެސް ބިޑެއް ހުށަހަޅާފައިވާކަމަށްވެއެވެ. މި ހުރިހާ ބިޑުތަކެއް ހުށަހަޅަފައިވާ ފަރާތްތަކުންވެސް މިހާރުވަނީ މަޢުލޫމާތު ލިބޭގޮތުގައި ޕްރީފް އޮފް ފަންޑްސް މި ވިޔަފާރީގެ ކަންތައްތައް ބަލަހައްޓަމުން ގެންދާ އެމެރިކާގެ އިންވެސްޓްމަންޓް ފާމް ރެއިން ގްރޫޕްއަށް ހުށަހަޅާފައެވެ. މިހުރިހާ ބިޑް ތަކެއް ބެލުމަށްފަހު މި މަސް ނިމުމުގެ ކުރިން މީގެތެރެއިން ބައެއް ބިޑްތައް ޝޯޓް ލިސްޓް ކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.