ކުޅިވަރު

އޮސްޓްރިއާ މެޗުގައި ބޭލް ފެނުމުގެ ފުރުސަތު އެބައޮތް


މިއަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގެ ޕްލޭ އޮފް ސެމީ ފައިނަލްގައި އޮސްޓްރިއާ އާއި ދެކޮޅަށް ވޭލްސް ކުޅޭ މެޗްގައި އެޓީމްގެ ކެޕްޓަން ގެރެތު ބޭލްއަށް ކުޅެވޭނެކަމަށް އުންމީދު ކުރާކަމަށް އެޓީމުން ހާމަކޮށްފިއެވެ.

ރެއާލް މެޑްރިޑް އިން ހާމަކުރާގޮތުގައި ބޭލް މިވަގުތު ހުރީ އަނިޔާގައެވެ. އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ހާމަކުރިގޮތުގައި ބޭލްގެ ބުރަކައްޓަށް އަރައިގެން އުޅޭ ތަދެއްގެ ސަބަބުން އާދީއްތަ ދުވަހުގެ ފަރިތަކުރުންތަކުގައިވެސް އޭނާ ބައިވެރިނުވެއެވެ. އަދި އެންމެ ފަހުން ރެއާލް އާއި ބާސެލޯނާ ކުޅުނު މެޗުގައިވެސް އަނިޔާގެ ސަބަބުން ބޭލް ބައިވެރިވެފައެއް ނުވެއެެވެ.

އެކަމަކު ވޭލްސްއިން ހާމަކުރިގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ބޭލް ފިޓްވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ބޭލް އެންމެފަހުން ވޭލްސްއަށް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުން މިދިޔަ މުއްދަތުގައި އޭނާއަށް ރެއާލްއަށް ކުޅެފައިވަނީ އެންމެ ދެމެޗެވެ. އެހެންކަމުން އޭނާގެ ފިޓްނަސް އާމެދު ސުވާލު އުފެދިފައިވީ ނަމަވެސް ވޭލްސްގެ ކޯޗުވަނީ ބޭލް އެޓީމުގައި ހިމަނާފައެވެ. އަދި މިހާރު ވާހަކަ ހުރިގޮތުން އޭނާއަށް ކިރިއާވެސް ކުޅެވޭނަމަ އެމެޗްގައި އޭނާ ފެނުން ވަރަށް ގާތެވެ.

އޮސްޓްރިއާ އާއި ވޭލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ޕްލޭ އޮފް ފައިނަލްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ސްކޮޓްލަންޑާއި ޔޫކްރެއިން ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުން މޮޅުވާ ޓީމަކާއެވެ.

ވޯލްޑް ކަޕަށް ކޮލިފައިވާނީ އެމެޗުން މޮޅުވާ ޓީމެކެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިންއަށް އަރާފައިވާތީ ޔޫކްރެއިންގެ މެޗު މިހާރުވަނީ ފަސްކުރެވިފައެވެ. އަދި އެމެޗު މިހާރު ކުޅެވޭނެކަމަށް ބެލެވިފައިވަނީ ޖޫންމަހުގެ ތެރޭގައެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕަށް އެންމެފަހުން ކޮލިފައިވާ ޓީމް އެނގިގެންދާނީ މިކުރިމަތިލުންތަކުން ކުރިހޯދާ ޓީމެކެވެ.