ރާއްޖޭގެ ސްކޭޓަރުންގެ ފެންވަރު ހީކުރިވަރަށްވުރެ ރަނގަޅުކަމަށާއި، އެކަމަކު ސްކޭޓު ކުރިއަރުވާން ބޭނުންވާނަމަ ރަނގަޅު ޓްރެކެއް ބޭނުންވާނެ ކަމަށް ވޯލްޑް ރެކޯޑް ހޯލްޑާ ޑިޕަންސޫ ޕޫނިއާ ބުނެފިއެވެ.
ރޯލާ ސްކޭޓިން އެސޯސިއޭޝަނުން ބޭއްވި އޯޕަން ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕަށް ފަހު ޕީއެސްއެމްއަށް ދިން ހާއްސަ އިންޓަރވިއުގައި، ޑިޕަންސޫ ބުނީ ނިސްބަތުން ރާއްޖޭގައި ސްކޭޓަރުން މަދު ކަމަށާއި، އެކަމަކު ސްކޭޓަރުންގެ ހުނަރު ހީކުރިވަރަށްވުރެ ރަނގަޅު ކަމަށެވެ. އަދި ސްކޭޓަރުން އިތުރު ކުރަން ބޭނުންނަމަ ސްކޫލުތަކަށާއި ކޮލެޖުތަކަށް މި ކުޅިވަރު ތައާރަފް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ސްކޭޓިންގެ ކުރިމަގު އުޖާލާ ކަމަށް ބުނަމުން ޑިޕަންސޫ ބުނީ ކުރިއަށް އޮތްތަނުގައި ރަނގަޅު ފަރިތަކުރުންތަކާއެކު ސްކޭޓަރުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެގެން ކާމިޔާބު ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޑިޕަންސޫ ބުނީ މިފަހަރުގެ މުބާރާތައް ސްކޭޓަރުންނަށް ތައްޔާރުވާން ލިބުނީ އަށް މަސް ކަމަށާއި، އެހާ ކުރު މުއްދަތެއްގެ ތެރޭގައި ސްކޭޓަރުންގެ ފަރާތުން ފެނުނު ހުނަރަށް ހައިރާންވާ ކަމަށެވެ.
ރޯލާ ސްކޭޓިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވީ ސްކޭޓިން އެސޯސިއޭޝަން އުފެދުނީ 2019 ވަނަ އަހަރު ކަމަށާއި، އަދި ސްކޭޓިންގެ ފުރަތަމަ މުބާރާތް ބޭއްވުނީ 2021 ވަނަ އަހަރު ކަމަށެވެ. އަދި އެ އަހަރު ބޭއްވުނު މުބާރާތުގައި ބައިވެރިވެފައިވަނީ 29 ބައިވެރިން ކަމަށާއި، އެކަމަކު މި އަހަރު ބޭއްވުނު މުބާރާތުގައި 51 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ. އެހެންކަމުންވެސް މި މުބާރާތުގެ ފޯރި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން އެނގޭ ކަމަށް ހާނިމް ވިދާޅުވިއެވެ.
ސްކޭޓިންއަކީ ރާއްޖޭގެ ޒުވާނުން އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. އެހެންނަމަވެސް ފެންވަރު ރަނގަޅު ސްކޭޓިން ޓްރެކެއް ނެތުމުގެ ޝަކުވާ ސްކޭޓަރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ސްކޭޓަރުން މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ހުޅުމާލޭ ރެޑްބުލް ސްކޭޓް ޓްރެކުގައި އާއި، ސެންޓްރަލް ޕާކް ސްކޭޓިން ޓްރެކުގައެވެ.