ޗައިނާގައި 132 މީހުންނާ އެކީ ދަތުރުކުރަމުންދިޔަ ޗައިނާ އީސްޓަން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
އެމެރިކާގެ ބޮއިން ކުންފުނީގެ 737 މަރުކައިގެ މަތިންދާބޯޓު ވެއްޓުނީ ޗައިނާގެ ކުންމިންގުން ދަތުރުކުރަނިކޮށް އެ ޤައުމުގެ ވޫޒުހޯ ސިޓީ ކައިރިއަށެވެ. އެ މަތިންދާބޯޓު ވެއްޓުމާއެކު އޭގައި ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. އެ މަތިންދާބޯޓު ވެއްޓުނު ސަބަބެއް ނޭނގެއެވެ. އަދި އެ ޚާދިޘާގައި ސަލާމަތްވި މީހުންގެ ޢަދަދެއްވެސް ނޭނގެއެވެ.
ޗައިނާގެ ސަރުކާރުން ހިންގައި އެންމެ ބޮޑު ތިން އެއަރލައިނުގެ ތެރޭގައި ޗައިނާ އީސްޓަން ހިމެނެއެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ހިމެނޭހެން 248 މަންޒިލަކަށް ޗައިނާ އީސްޓަންނުން ދަތުރުކުރެއެވެ. އަދި ދުނިޔޭގެ އެންމެ ސަލާމަތީ ކަންކަން ރަނގަޅު އެއަރލައިނުތަކުގެ ތެރޭގައި ޗައިނާ އީސްޓަން ހިމެނެއެވެ.
ސަލާމަތީ ސަބަބުތަކުގެ ސަބަބުން ބޮއިން ކުންފުނީގެ 737 މެކްސް މަރުކައިގެ މަތިންދާބޯޓުތައް އުދުހުން ދުނިޔޭގެ ހުރިހާ ޤައުމަކުންވަނީ މަނާކޮށްފައެވެ. އަދި ޗައިނާ ހިމެނެނީ އެންމެފަހުން އެ މަރުކައިގެ މަތިންދާބޯޓުތައް އުދުހުމުގެ ޙުއްދަދިން ޤައުމުތަކުގެ ތެރޭގައެވެ. 2014ވަނަ އަހަރުގެ ތެރޭގައި ގެއްލުނު މެލޭޝިޔަން އެއަރލައިންސް އެމުއެޗު370އަކީވެސް ބޮއިންގެ މަތިންދާބޯޓެކެވެ.
ޢާއްމު ގޮތެއްގައި ޗައިނާގައި ވައިގެ ޙާދިޘާތަކެއް ނުހިނގައެވެ. އެ ޤައުމުގައި އެންމެ ނުރައްކާތެރި ވައިގެ ޙާދިޘާއެއް ހިނގާފައިވަނީ 2010ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު ހެނާން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 96 މީހުންގެ ތެރެއިން 44 މީހުން މަރުވިއެވެ.