ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމަށް އެމެރިކާގެ ސަރުކާރުން ކަނޑައަޅައިފިއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޤަތުލުޢާއްމާއި ޖަރީމާތައް ތަޙްޤީޤުކޮށް އެމެރިކާގެ ސަރުކާރުން ގޮތެއް ނިންމާފައިވަނީ އެ ޤައުމުގެ ރައީސް ޖޯ ބައިޑަން މަޤާމާ ޙަވާލުވެވަޑައިގަތްތާ 14 މަސްދުވަސްފަހުންނެވެ. ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތައް ތަޙްޤީޤުކުރުމަކީ ބައިޑަންގެ ވަޢުދެކެވެ. މިޔަންމާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމަށް އެމެރިކާގެ ސަރުކާރުން ކަނޑައެޅުމުން ބައިނަލްއަޤްވާމީ އިދާރާތަކުންނާއި ކޯޓުތަކުން އެ މައްސަލައާމެދު ގޮތެއް ނިންމުމަށް ބާރުލިބޭނެއެވެ.
2017ވަނަ އަހަރުގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަން ފެށުމުން 730،000 މީހުންވަނީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ. އަދި 2021ވަނަ އަހަރުގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ ވެރިކަމާ ޙަވާލުވެފައެވެ. މިޔަންމާގައި ކުރި ބަޣާވާތާ ދެކޮޅަށް ޢާއްމުން މުޒާހަރާކުރަން ފެށުމުން އަސްކަރިއްޔާއިން ޙަމަލާތަކުގައި 1،600އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެއްވެސް ޝަރީޢަތަކާ ނުލައި 10،000 މީހުންވަނީ މިޔަންމާގެ ޖަލުތަކުގައި ބަންދުކޮށްފައެވެ.
2018ވަނަ އަހަރުގެ ތެރޭގައި އދން ކުރި ތަޙްޤީޤަކަށްފަހު ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަން ސާބިތުވާފަދަ ހެކިތައް ހޯދިފައިވާކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ގެންބިޔާއިންވަނީ މައްސަލައެއްވެސް ހުށަހަޅައިފައެވެ.