ވޭތުވެދިޔަ 3 އަހަރުތެރޭގައި ކުރެވުނު މަސައްކަތުން އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ހަމަހަމަ ފުރުސަތު ފަހިކުރުމަށް އިންޤިލާބީ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަހިކޮށްދިނުމަށްޓަކާ ތަރައްޤީކޮށްފައިވާ ސްކްރީން ރީޑިންގ ސޮފްޓްވެއަރ "ޝާމިލު އަޑު" އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް އަޑު އެހުމުގެ ފުރުސަތު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަހިކޮށްދިނުމަށްޓަކާ ތަރައްޤީކޮށްފައިވާ ސްކްރީން ރީޑިންގ ސޮފްޓްވެއަރ "ޝާމިލު އަޑު" އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މިއީ މުޖުތަމަޢުން ހަވާސާވެފައި މީގެކުރިން ތިބި މިފަދަ ކުދިންނަށް ލިބިގެންދިޔަ ވަރަށް މުހިއްމު ހަދިޔާއެއްކަމަށެވެ. އަދި މިއީ ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ސިފައެއްގައި މުޖުތަމަޢަށް ބޭނުންތެރި ކުއްޖަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ތަނުގައި ކުރެވުނު މިފަދަ މަސައްކަތްތަކުން އެކި ގޮތްގޮތުން ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މުބާރާތްތަކުގައި ޤައުމަށް ރިވެތި ނަން ހޯދައިދީފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ފަހި ފުރުސަތާއެކު މިއިން ކޮންމެ ކުއްޖަކީވެސް ތަފާތު ދެއްކޭނެ ކުއްޖެއްކަން އެކަމުން ހާމަވާކަމަށެވެ.
"މަދުރަސާއިން ނުކުންނަ ކޮންމެ ކުއްޖަކީ ދިރިއުޅުމުގެ މާޙައުލަށް ތައްޔާރު މުޖުތަމަޢަށް ކޮންމެވެސް ގޮތަކުން މަންފާކުރާނެ ފަދަ ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް. އެކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންއެބަޖެހޭ" ނައިބު ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ ހަމަހަމަކަމާއެކު ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ޤާނޫނުން ލާޒިމުކަމެއްނަމަވެސް އެކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުރިކަމަށެވެ. އަދި ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ ވަކި ޚާއްސަ ވަޞީލަތެއް ހަމަވެގެން މުދައްރިސުން ތަމްރީންވެގެން އެކަނި ވާނެކަމެއް ނޫންކަމަށާއި އެކަން ޙާސިލުކުރުމަށް މުޅި ސްކޫލް މާޙައުލަކީ ޝާމިލުވެގެން ވިސްނާ މާޙައުލަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ޕްރޮގްރާމްތަކެއް ހިންގުމަކީ އިންކްލޫސިވް ވުމެއް ނޫން. ހުރިހާ ކުދިންނަށް އެއްފުރުސަތުތަކެއް ހުރެ ބައިވެރިވެވޭނެ މަގު ތަނަވަސްވުމަކީ ހަގީގަތުގައި އިންކްލޫސިވްވުމަކީ. އިޝާރާތުން ވާހަކަދައްކާ ކުދިންނާ އެބަހުރުވައިން ވާހަކަދައްކަން މުދައްރިސުންނާއި އެހެން ކުދިންނަށް އެނގުން އެއީ އިންކްލޫސިވްވުން." މިނިސްޓަރ ވިދާޅުވިއެވެ.
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑު ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފައިވާ ސްކްރީން ރީޑިންގ ސޮފްޓްވެއަރއަކީ ފެނުމުން މަޙުރޫމްވެފައިވާ ކުދިންނަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ސޮފްޓްވެއަރއެކެވެ. މިސޮފްޓްވެއަރއަކީ އައިއޯއެސް އަދި އެންޑްރޮއިޑްއަށްވެސް އިންޓަރނެޓާނުލާ ސަޕޯޓްކުރާ ސޮފްޓްވެއަރއެއްކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ދިވެހި ލިޔުންތަކުގެ އިތުރުން ތާޑް ޕާޓީއެއް ބޭނުންކޮށްގެން އިނގިރޭސި ލިޔުންތައްވެސް އަޑުއަހާލެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިސޮފްޓްވެއަރ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ފެނުމުން މަޙުރޫމްވެފައިވާ ހުރިހާ ކުދިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީކޮށް ސޮފްޓްވެއަރ އިފްތިތާޙްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ސޮފްޓްވެއަރ ޙަވާލުކޮށްފައި ވަނީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު ޒާޔާ އަޙްމަދު ޒުބެއިރުއަށެވެ. މިއީ މިފަދަ ޓެކްނޮލޮޖީއެއް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ފަހަރަށްވާއިރު މީގެ ސަބަބުން ދިވެހިބަހަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.